މަސްވެރިކަމާއި މެރިކަލްޗަރ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ "އާރުވެރި މެޗިންގ ގްރާންޓް" އާ ގުޅޭ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް މިރޭ ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މި ގްރާންޓާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށްޓަކައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ފަރާތުން މިއަދު އެ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ މިރޭ 08:30 ގައި އެން.އޯ.ސީ ފުނަވަލު މާލަމުގައި ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ.
މި ސެޝަންގައި ބައިވެރިވުމުގެ ފުރުޞަތު މަސްވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެކި ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން މަސްވެރިކަމާއި، މަސް ޕްރޮސެސްކުރުމާއި، އަގުއެއްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ސްޕޯޓްސް ފިޝިންގ ފަދަ ގުޅުންހުރި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން މި ސެޝަންގައި ބައިވެރިވުމަށް ވަނީ ދަޢުވަތު އަރުވާފައެވެ.
މި ސެޝަން ނަންގަވައިދެއްވުމަށް ހަމަޖެހިފައިވަނީ ޓްރާންސްފޯމް ޕްރޮޖެކްޓްގެ މުވައްޒަފުންނެވެ. އޭގެ ތެރޭގައި އެ ޕްރޮޖެކްޓްގެ ކޮމިއުނިކޭޝަންސް ކޯޑިނޭޓަރ މިފްޒާލް މުޙައްމަދާއި، ބަޔޯސެކިއުރިޓީ ސްޕެޝަލިސްޓް މުޙައްމަދު ނަޝްވާން އިސްމާޢީލް ހިމެނެއެވެ.
"އާރުވެރި" މެޗިންގް ގްރާންޓް ސްކީމަކީ މަސްވެރިކަމާއި ކަމާބެހޭ ސިނާއަތްތައް ތަރައްޤީކުރުމަށްޓަކައި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ފަރާތުން ވޯލްޑް ބޭންކްގެ ފަންޑިންގައި ކުރިއަށްގެންދާ "ޓްރާންސްފޯމް" މަޝްރޫޢުގެ ދަށުން ހިންގާ ސްކީމެކެވެ. ޖުމްލަ 278 މިލިއަން ރުފިޔާގެ މި ސްކީމް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ 2026 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.
މި ގްރާންޓުގެ ދަށުން މަސްވެރިކަމާއި ކަނޑުފަޅުގެ ވަސީލަތްތަކާ ގުޅުންހުރި މައިގަނޑު 7 ދާއިރާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ކަނޑައަޅާފައެވެ. ސަރުކާރުން މި އެހީ ފޯރުކޮށްދިނުމުގެ މައިގަނޑު ބޭނުމަކީ އެ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތްތައް ކުރިއަރުވައި، އިތުރަށް ތަރައްޤީކުރުމެވެ.
މި ސްކީމާ ގުޅޭ އެންމެހައި މަޢުލޫމާތާއި ދާއިރާތަކުގެ ތަފްޞީލު ބައްލަވައިލެއްވުމުގެ ފުރުޞަތާއި، ފަސޭހަކަމާއެކު އެޕްލިކޭޝަން ހުށަހެޅުއްވުމުގެ އިންތިޒާމު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން މިކަމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓް (aaruveri.fishagriocean.gov.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!