ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ކުރިމަތިވާ މާލީ ދަތިތަކުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި، ސަބްސިޑީގެ ނިޒާމުގެ ތެރެއިން އެ މާލީ ބުރަ ސަރުކާރުން އުފުލަމުންދާ ކަމަށް މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަން ހާމަކުރެއްވީ ސަރުކާރުން ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ "އަހާ" ފޯރަމްގެ 10 ވަނަ ބައްދަލުވުމުގައި ރޭ ވާހަކަދައްކަވަމުންނެވެ.

Ad
rt

މިނިސްޓަރު ޒަރީރު ވިދާޅުވީ، 2026 ވަނަ އަހަރުގެ މާޗް މަހު މެދުއިރުމަތީގައި ފެށުނު ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކުއްލިއަކަށް އުފުލިގެން ދިޔަ ކަމަށެވެ. އަދި އޭގެ ސަބަބުން، ސަބްސިޑީ ދިނުމަށް ދައުލަތުގެ ބަޖެޓުގައި ކުރިން ކަނޑައެޅި މިންވަރަށްވުރެ އިތުރަށް ބޮޑު ހޭދައެއް ކުރަން ސަރުކާރަށް މަޖުބޫރުވި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އަހަރުގެ ބަޖެޓުގައި ސަބްސިޑީއަށް ކުރިން ކަނޑައަޅާފައިވަނީ 2.9 ބިލިއަން ރުފިޔާ ކަމަށް ވީ ނަމަވެސް، އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީގެ ހޭދަ ވަނީ 4.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއާއެކު، ބަޖެޓު ކުރި މިންވަރަށްވުރެ އިތުރުވި 1.4 ބިލިއަން ރުފިޔާގެ ބޮޑު ބައެއް ހޭދަވެފައިވަނީ ތެލުގެ ސަބްސިޑީއަށް ކަމަށް މިނިސްޓަރު ބަޔާންކުރެއްވިއެވެ.

ސަބްސިޑީގެ އިތުރުން، މިއަހަރަކީ ރެކޯޑް މިންވަރަކަށް ދައުލަތުން ދަރަނި އަދާކުރެވުނު އަހަރެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ދަރަނި އަދާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުގެ ކުރީކޮޅުން ފެށިގެން ދުރާލާ ތައްޔާރުވާން ފަށާފައިވާ ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން ބޭރުފައިސާގެ ޤާނޫނު ތަންފީޒުކޮށް ބޭންކުތަކަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުކުރެވުނު ކަމަށާއި، ދަރަނި އަދާކުރުމަށްޓަކައި ސޮވްރިންގ ޑިވޮލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރަމުން ދިޔަ ކަމަށް ޒަރީރު ވިދާޅުވިއެވެ. މިގޮތުން ސުކޫކް ސެޓްލްމަންޓަށް އެ ފަންޑުން 350 މިލިއަން ޑޮލަރު ބޭނުންކޮށްފައިވާއިރު، ބޭރުގެ ދަރަނި އަދާކުރުމަށް ޖުމްލަ 1.4 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދަރަނި އަދާކުރުމާއި ސަބްސިޑީގެ ހޭދަ އިތުރުވުމުގެ ސަބަބުން މާލީ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ބަޖެޓް ޑެފިސިޓް އުފެއްދުންތެރިކަމުގެ ނިސްބަތުން އެއްގުނަ (ސިންގަލް ޑިޖިޓް) ގައި ހިފެހެއްޓުމަށް ސަރުކާރުން އިސްކަންދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ވޭތުވެދިޔަ އަހަރުވެސް ސަރުކާރުން ކާމިޔާބުކަމާއެކު ހާސިލުކޮށްފައިވާ އަމާޒެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.