ރާއްޖޭގެ އިސްލާމީ ކަންކަމަށް މާލީ ގޮތުން އަމިއްލަ ފުދުންތެރިކަން ހޯދުމުގެ ތާރީޚީ ތަޞައްވުރުގެ ދަށުން، 2028 ވަނަ އަހަރުގެ ނިޔަލަށް ވަޤުފްގެ އަށް މަޝްރޫޢެއް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މި އަމާޒަށް ވާސިލުވެވުމުން 2029 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖޭގެ އިސްލާމީ ކަންކަމަށް މާލީ މިނިވަންކަން ލިބިގެންދާނެއެވެ.

Ad
rt

ވަޒީރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްޓްރެޓީޖިކް ވަޤުފް އިންވެސްޓްމަންޓްތަކާއި ޒަކާތުގެ ގޮތުގައި އަހަރަކު ޖުމްލަ 250 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ މާލީ ދައުރުވުމެއް ޤާއިމުކުރުމަކީ އެ ވުޒާރާގެ އަމާޒެއް ކަމަށެވެ. މީގެ ބޭނުމަކީ މުވައްޒަފުންގެ މުސާރަ ފިޔަވައި، ވުޒާރާގެ ހިންގުމުގެ ޚަރަދުތަކާއި އިސްލާމީ ތަރައްޤީގެ ޙަރަކާތްތަކަށް އަމިއްލައަށް ޚަރަދުކޮށް، ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.

މި ފައިސާ ބޭނުންކުރުމުގައި ޢަމަލުކުރާނެ ހަމަތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަހީމް ވިދާޅުވީ، ޒަކާތުގެ ފައިސާ ބަހާނީ ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ވަޤުފް އިންވެސްޓްމަންޓްތަކުން ލިބޭ އާމްދަނީ ބޭނުންކުރެވޭނީ ހަމައެކަނި އެ ވަޤުފްތައް ޚާއްޞަކުރެވިފައިވާ މަޤްޞަދުތަކަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އިސްނެގުމުގެ ތެރެއިން މައިގަނޑު ގޮތެއްގައި އަމާޒު ހިފާފައިވަނީ މުޅި ރާއްޖޭގައި މިސްކިތްތައް ބިނާކުރުމާއި ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށެވެ. މީގެ އިތުރުން، އިސްލާމީ ތަޢުލީމު ފުޅާކުރުމަށާއި، ޤުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްވެސް މި ވަސީލަތްތަކުގެ އެހީގައި މަގުފަހިވެގެންދާނެއެވެ.

ހަމައެއާއެކު، އިމާމުންނާއި ދީނީ ޢިލްމުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދީނީ އަދި އިޖުތިމާޢީ ތަރައްޤީއަށް ހިންގޭ އެހެނިހެން ޙަރަކާތްތައްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މި ކަންކަމުގެ އަސާސީ ބޭނުމަކީ މުޅި ރާއްޖޭގައި އިސްލާމީ ތަރައްޤީ ކުރިއެރުވުމަށްޓަކައި ވުޒާރާގެ ދިގު މުއްދަތުގެ މުއައްސަސާގެ ޤާބިލުކަން އިތުރުކުރުމެވެ.

''މާތް ﷲ ގެ ވާގިފުޅާއެކު''، 2028 ވަނަ އަހަރުގެ ނިޔަލަށް ވަޤުފްގެ އަށް މަޝްރޫޢު ނިންމުމުން ވުޒާރާއަށް މާލީ ގޮތުން އިތުރު ވަރުގަދަކަމާއި ދެމެހެއްޓެނިވި ބިންގަލެއް އެޅިގެންދާނެ ކަމަށް ވަޒީރު އުންމީދު ކުރައްވައެވެ. މިއީ މާލީ މިނިވަންކަމާއި، ދެމެހެއްޓެނިވި ވަޤުފް ތަރައްޤީއާއި، އަދި އަންނަން އޮތް ޖީލުތަކަށްޓަކައި އިސްލާމީ ޚިދުމަތުގައި ދެމިހުންނަނިވި ތަރިކައެއް ޤާއިމުކުރުމަށް އެޅޭ އިންޤިލާބީ ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.