މާލެ އާއި ހުޅުމާލޭގައި ވިޔަފާރި މުދާ އުފުލާ އުޅަނދުފަހަރު ދުއްވޭނެ ވަގުތުތަކަށް ބަދަލު ގެނެސް، ދުވާލަކު ދެ ވަގުތެއްގައި އެކަނި މުދާ އުފުލޭ ގޮތަށް ކަނޑައަޅައި، އެ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.

މިކަން އަންގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ނެރުނު އިއުލާނުގައި ބުނެފައިވަނީ، މި ބަދަލު ގެނެސްފައިވަނީ ވިޔަފާރިވެރިންނާއި ކަމާގުޅުންހުރި އެކި ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތަކާއި ހުށަހެޅި ހިޔާލުތަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ.

Ad
rt

އަލަށް ގެނައި މި ބަދަލުތައް ހިނގާނީ 350 ކިލޯގްރާމަށް ވުރެ މަތީ މުދާ އުފުލާ އުޅަނދުތަކަށެވެ. އޭގެ ތެރޭގައި ޕިކަޕާއި ލޮރީ، ކާގޯ ވޭން އަދި ފޯކްލިފްޓް ފަދަ އުޅަނދުތައް ހިމެނެއެވެ. މި އުޅަނދުތަކުގައި މާލެ އާއި ހުޅުމާލޭގެ ފިހާރަތަކަށާއި ގުދަންތަކަށް އަދި އަމިއްލަ ގޭގެއަށް މުދާ އުފުލުމުގެ ހުއްދަ ދެން އޮންނާނީ ކަނޑައެޅިފައިވާ ވަކި ދެ ވަގުތެއްގައެވެ.

އެގޮތުން މުދާ އުފުލުމަށް ހަމަޖައްސާފައިވާ ދެ ވަގުތަކީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 6:00 އިން 8:30 އަށް އަދި މެންދުރު 11:30 އިން މެންދުރުފަހު 1:30 އަށެވެ.

މީގެއިތުރުން، ސައިކަލުގައި މުދާ އުފުލުމާ ގުޅޭގޮތުން މިނިސްޓްރީން ބުނީ، ވަކި ގޮތެއް އަންގަންދެން ސައިކަލުގައި ކުދި އަދި ލުއި ތަކެތި އުފުލުމުގެ ހުއްދަ އޮންނާނެ ކަމަށެވެ. ނަމަވެސް އެފަދަ ތަކެތި އުފުލަން ވާނީ ސައިކަލު ދުއްވާ މީހާއަށް ދަތިނުވާނެ އަދި އެހެން ފަރާތްތަކަށް ނުރައްކަލެއް ކުރިމަތިނުވާނެ ފަދަ ގޮތަކަށް ބަލައިގެން ކަމަށް ވެސް އަންގާފައިވެއެވެ.

އާ އުސޫލަށް އަމަލުކުރަން ފެށުމާ އެކު، މީގެ ކުރިން މި އަހަރުގެ މާޗް 16 ވަނަ ދުވަހު ނެރުނު އިއުލާނު މިހާރު ވަނީ ބާތިލުކޮށްފައެވެ. އަދި ރަސްމީ އިތުރު ބަދަލެއް އަންގަންދެން މުދާ އުފުލުމުގައި އަމަލުކުރަމުން ދާނީ މި އުސޫލަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.