ޒަމާނީ ފެންވަރަށް ރަށުގެ މަގުތައް ތަރައްޤީކުރުމަށް ސަރުކާރުން ހުށަހެޅި މަޝްރޫޢުގެ ދަށުން، ރައްޔިތުންގެ މަޝްވަރާއާއެކު މަގުތަކުގައި ތާރު އަޅައިގެން ތަރައްޤީކުރުމަށް، ށ. ކަނޑިތީމު ކައުންސިލުން ނިންމައިފިއެވެ.

ކަނޑިތީމު ކައުންސިލްގެ ރައީސް އިބްރާހީމް ނަޒްމީ "ތިލަދުން"އަށް ވިދާޅުވީ މަގުތައް ހެދުމަށް ސަރުކާރުން މައިގަނޑު ތިން ގޮތެއް ހުށަހެޅިކަމަށެވެ. އެއީ ތާރުއެޅުމާއި، ގާ އެތުރުމުގެ އިތުރުން ވެލިން މަގުތައް ހެދުމެވެ. ނަމަވެސް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި މަޝްވަރާތަކުގައި ގިނަ ރައްޔިތުން އެދިފައިވަނީ މަގުތަކުގައި ތާރުއަޅައިގެން ކުރިއަށް ގެންދިއުމަށެވެ. އެއާއެކު، ރަށުގެ އެންމެ ބޮޑެތި މަގުތައް ހިމެނޭހެން ޖުމްލަ 12 މަގެއް، މިހާރު ވަނީ ޝޯޓްލިސްޓްކޮށްފައިކަމަށް ނަޒްމީ ވިދާޅުވިއެވެ.

Ad
rt

މީގެއިތުރުން ނަޒްމީ މައުލޫމާތު ދެއްވި ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ކުރެވިގެންދާނީ 4 މަގެއްގެ މަސައްކަތްކަމަށް ވެސް ނަޒްމީ ވިދާޅުވިއެވެ. މަގުތަކުގައި ތާރުއެޅުމުގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގުބައްތި ޖެހުމާއި، ޕޭވްމަންޓް ހެދުމުގެ އިތުރުން މުވާޞަލާތީ އަދި ޔުޓިލިޓީ ކޭބަލްތައް އެޅުމަށް ޚާއްޞަ ހޮޅިލައި ޖާގަ ހެދުން ހިމެނޭކަމަށް ކަނޑިތީމު ކައުންސިލުން މި ނޫހަށް ޙިއްޞާ ކުރެއްވިއެވެ.

އެ ކައުންސިލުން މައުލޫމާތުދެއްވި ގޮތުގައި، އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހަދާއިރު ތިމާވެއްޓަށް ގެއްލުން ނުވާނެހެން މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުން ވަނީ އެދިފައެވެ. އެގޮތުން މަގުތަކުގައި ފެންބޮޑުވިޔަ ނުދީ، ޤުދުރަތީ އޮއިވަރާ އެއްގޮތަށް ކަނޑޫފަލަށް ފެން ދެމޭނެ ފަދަ ނިޒާމަކާއެކު ރަށުގެ ފެން ފަށަލައަށް ފެން ހިނދޭނެ ގޮތަކަށް ލެވެލް ހިފެހެއްޓުމަށާއި، މަގުތަކުގައި ހުރި ބޮޑެތި ގަސްތައް ޙިމާޔަތްކުރެވޭނެ ގޮތަށް ތާރުއެޅުމުގެ މަސައްކަތް ކުރުމަށް، ކަނޑިތީމު ކައުންސިލުން މިހާރު ވަނީ ސަރުކާރުގައި އެދިފައެވެ.