ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ ތިން މަސްބޯޓެއް، ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި އޮޕަރޭޝަނަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއާ ކޯ ގުޅިގެން ވަރަށް ޚާއްޞަ ގޮތެއްގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ސިފައިންގެ ދެ ޚިދުމަތް ގުޅިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި، އެ ބޯޓުތައް ހޯދައި ވަނީ ކޯސްޓްގާޑުގެ ބާރުގެ ދަށަށް ގެނެސްފައެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މި އުޅަނދުތައް ފެނިފައި ވަނީ އަރިއަތޮޅުގެ ހުޅަނގު ފަރާތު ކަނޑުގެ ސަރަހައްދުންނެވެ. މިގޮތުން މި ތިން ބޯޓު ވެސް ހަރަކާތްތެރިވަމުން ދިޔައީ އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ކަމަށް ސިފައިން ބުނެފައިވެއެވެ.
ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ މި ބޯޓުތައް ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި ބޭރުގެ މި ތިން މަސްބޯޓު، މާލެއަށް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!