ރާއްޖޭގެ ހޯލްސޭލް، ރީޓެއިލް އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ހަރަކާތްތެރިވި ބޭރުގެ 29 ވިޔަފާރިއެއް މިހާތަނަށް އުވާލާފައިވާ ކަމަށާއި، މި ދާއިރާތަކުގައި ހިމެނޭ އިތުރު 17 ކުންފުންޏެއްގެ ހިއްސާ ދިވެހިންނަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ސައީދު ވިދާޅުވީ، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ގައުމުގެ އިގްތިސާދުގައި ދިވެހިންގެ ބައިވެރިވުން އިތުރުކޮށް، ދިވެހި ވިޔަފާރިވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އަދި ސިޔާސަތުތައް ހަމައެކަނި ކަރުދާހަށް ތިލަކުރުމުގެ ބަދަލުގައި، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެކަންކަން އަމަލީ ގޮތުން ތަންފީޒުކޮށް އޭގެ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ނިންމުމާ ގުޅޭގޮތުން ތަފުސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، މިހާތަނަށް 29 ފޮރިން އިންވެސްޓްމަންޓެއް އުވާލާފައިވާކަމަށެވެ.
''މިއީ ހޯލްސޭލް، ރީޓެއިލް އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ހަރަކާތްތެރިވި ފަރާތްތައް. އަދި އެ ސިޔާސަތުގެ ދަށުން މި ދާއިރާގައި ހަރަކާތްތެރިވާ 17 ފަރާތަކުން ވަނީ ދިވެހިންނަށް ޝެއާ ބަދަލުކުރުމަށް ހުށަހަޅާފައި. މިފަހަރު މި ދަންނަވަނީ ނަމަކަށް މިކަމެއް ނުކުރެވޭނެއޭ. ހޯލްސޭލް، ރީޓެއިލް އަދި ލޮޖިސްޓިކްސްގެ ވިޔަފާރިތައް ދިވެހިންނަށް ދޫކޮށްލާށޭ މި ދަންނަވަނީ،" ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން، ލޯކަލައިޒްކޮށްގެން ރާއްޖޭގައި ވިޔަފާރި ކުރިއަށްގެންދަން ބޭނުންވާ ކުންފުނިތަކުން ހިއްސާ ބަދަލުކުރާ ގޮތަކީ ހަގީގީ އަދި ސައްހަ ބަދަލެއްކަން އެ ފަރާތްތަކުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ވަޒީރު ސައީދު ވިދާޅުވީ މި ހުރިހާ ބަދަލުތަކެއްގެ މައިގަނޑު މަގުސަދަކީ ދިވެހި ވިޔަފާރިވެރިންނަށް އެކަށީގެންވާ ފުރުސަތުތައް ފަހިކޮށްދީ، ގައުމުގެ އިގުތިސާދީ މަންފާ ދިވެހިންނަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.
ރާއްޖޭގެ ވިޔަފާރީގެ ދާއިރާތައް ހިމާޔަތްކުރުމަށްޓަކައި ހޯލްސޭލް، ރީޓެއިލް އަދި ލޮޖިސްޓިކްސްގެ ދާއިރާތަކުގައި ބޭރުގެ ފަރާތްތަކަށް ހަރަކާތްތެރި ނުވެވޭ ގޮތަށް ބޭރުގެ އިންވެސްޓްމަންޓާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި އެ ގާނޫނުގެ ދަށުން، މިހާރު ހިނގަމުންދާ ވިޔަފާރިތައް އައު އުސޫލުތަކަށް ފެއްތުމަށް ނުވަތަ ހުއްޓާލުމަށް ދިން އިންތިގާލީ މަރުހަލާގެ މުއްދަތު މި މަހުގެ ތެރޭގައި ވަނީ ހަމަވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!