ހދ. މަކުނުދޫ ސްވިމިން ޓްރެކްގައި ހަރުކުރެވިފައިވާ ސަތަރިތަކަށް ގެއްލުމެއް ނުލިބޭ ގޮތަށް ސްވިމިން ޓްރެކް ބޭނުން ކުރުމަށް އެ ރަށު ކައުންސިލުން ރައްޔިތުންގެ ކިބައިން އެދިއްޖެއެވެ.
އެ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ސްވިމިން ޓްރެކްގައި ޖަހާފައިވާ ގާފޮރިތައް ސާފުކުރުމުގެ މުޙިއްމު މަސައްކަތެއް މި ދުވަސްވަރު ކުރެވެމުން ދާ ކަމަށެވެ. އަދި ގާފޮރިޖެހުމުން، ސަލާމަތް ކުރުމަށްޓަކައި ޓްރެކްގައި ސަތަރި ހަރުކުރެވެމުން ދާތީ، ޓްރެކް ބޭނުން ކުރާ ފަރާތްތަކުން ސަތަރިތަކަށް އެއްވެސް ގެއްލުމެއް ނުވާނެހެން، ސަމާލުކަން ދިނުމަށް އެ ކައުންސިލުން މަޢުލޫމާތުދެއެވެ.
މަކުނުދޫ ކައުންސިލްގެ ނައިބް ރައީސް ޢަލީ ނަޝީދު "ތިލަދުން"އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެރަށުގެ ފަޅުތެރޭގައި އޮންނަ އެ ސްވިމިން ޓްރެކަކީ އާންމުކޮށް މީހުން ބޭނުންކުރާ ތަނަކަށް ނުވާތީ، ޓްރެކްގައި ވަނީ ވަރަށް ބޮޑަށް ގާފޮރިޖަހައި ބޯވެފައިކަމަށެވެ. އެހެންކަމުން، ޓްރެކް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މި މަސައްކަތަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ނައިބްރައީސް މި ނޫހަށް ޙިއްޞާކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!