ސިފައިންގެ 75 ވަނަ އަސާސީ ތަމްރީނު ކޯސް ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

ޖުމްލަ 149 ދަރިވަރުންނާއެކު ކުރިއަށްގެންދާ މި ކޯސް ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައެވެ.

Ad
rt

އޮކްޓޫބަރު 12 ވަނަ ދުވަހުގެ ރޭ ގިރިފުށީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) ގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމް ވަނީ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންނާއި އަދި މުދައްރިބުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ކޮމާންޑިންގ އޮފިސަރުގެ ވާހަކަފުޅުގައި، ސިފަވަންތަ ހަރުދަނާ ސިފައިންގެ މީހެއްގެ ގޮތުގައި ދެމިތިބުމަށާއި، މި ތަމްރީނުން ފާސްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ދަރިވަރުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން، ތަމްރީނުތައް ކުރިއަށްގެންދާއިރު ދަރިވަރުންގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ދަރިވަރުންގެ ސަލާމަތަށް ބަލައިގެން ތަމްރީނުގެ ހުރިހާ މަރުހަލާއެއް ކުރިއަށްގެންދެވުމަށް މުދައްރިބުންނަށް ކޮމާންޑިންގ އޮފިސަރު އިލްތިމާސްކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި، ދަރިވަރުންނަށް އިޤުރާރު ލައިދިނުން ވެސް ކުރިއަށްދިޔައެވެ. މިގޮތުން، ކޯހުގެ ދަރިވަރުންނަށް އިޤުރާރު ލައިދެއްވީ ކޮމްޕެނީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ޝަފީޤެވެ. އަދި މުދައްރިބުންނަށް ވަޢުދު ލައިދެއްވީ އެ ކޯހުގެ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން އަޙްމަދު ޝާތިރެވެ.

މި ފަހަރުގެ އަސާސީ ތަމްރީނު ކޯހުގައި ބައިވެރިވި 149 ދަރިވަރުންގެ ތެރޭގައި 27 އަންހެން ދަރިވަރުން ހިމެނެއެވެ. މި ރަސްމިއްޔާތުގައި ސީޑީއެސްއެސްގެ ޑެޕިއުޓީ ކޮމާންޑަރ، ކާނަލް އިބްރާހީމް ނަވީން ޒުބައިރާއި، ދަ ބޭސިކް ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖިނާން އަދި އެންސީއޯ އެކެޑަމީގެ ޑައިރެކްޓަރ، މޭޖަރ މުޙައްމަދު ނަދީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.