ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗަށް ކުރިމަތިލި 84 ދިވެހި ޒުވާނުން، ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްއަށް މިއަދު ފުރައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކުރައްވައި، މި ތަމްރީނުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
މި ފަހަރުގެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުންނެވެ. މީގެ ތެރޭގައި ހިމެނެނީ 64 ފިރިހެން ދަރިވަރުންނާއި 20 އަންހެން ދަރިވަރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ތެރެއިން ކޮންމެ އަހަރަކު 1,000 ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ކަނޑައެޅި ލަނޑުދަނޑި، އެ ޚިދުމަތުގެ ފުރަތަމަ އަހަރުގެ ތެރޭގައި ހާސިލުކުރެވިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ 1 އޮކްޓޯބަރު 2026 ގައި އިޢުލާން ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ދިވެހި ވަޠަނީ ޚިދުމަތަކީ ދިވެހި ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް އުޖާލާކޮށްދިނުމުގެ މުޅިން އާ ރާސްތާއެއް ފަހިކޮށްދިނުމުގެ ނިޔަތާއި އުންމީދުން ފުރިގެންވި ޢަޒުމާއެކު ފެށި ޚިދުމަތެކެވެ. އަދި ފާއިތުވެދިޔަ އެއް އަހަރު ވެގެންދިޔައީ ޒުވާނުންނަށްޓަކައި ކާމިޔާބު އަދި އުފެއްދުންތެރި މަސައްކަތްތަކެއް ކޮށްދެވުނު އަހަރަކަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަމްރީނުތަކުގެ ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގގެ ތެރެއިން 1,028 ދިވެހި ޒުވާނުން މިހާތަނަށް ތަމްރީނު ކުރެވިފައިވާ ކަމަށެވެ. މީގެއިތުރުން، ނޭޝަނަލް ސަރވިސް ސްކިލް ޓްރޭނިންގ ޕްރޮގްރާމްގެ ދަށުން 136 ޒުވާނުން ތަމްރީނު ކުރެވިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ކުރިމަގު ވަރަށް އުޖާލާކޮށް ފެންނަން އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ނޭޝަނަލް ސަރވިސްގެ ތެރެއަށް ފަންނީ އިތުރު ދާއިރާތައް ތަޢާރަފްކުރެވިގެންދާނެ ކަމަށެވެ. އަދި ނޭޝަނަލް ސަރވިސްގެ އިންޓަރންޝިޕް ޕްރޮގްރާމްތައްވެސް ކުރިއަށް އޮތް ތަނުގައި ތަޢާރަފްކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ތަމްރީނުތައް ފުރިހަމަކުރާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ނޭޝަނަލް ކެރިއަރ ސަރވިސްގެ ދައުރު ފުޅާކުރުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ 2024 ވަނަ އަހަރުގެ ނަސްރުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވި ޕްރޮގްރާމެކެވެ. އެ ދުވަހު މި ޕްރޮގްރާމް އިޢުލާންކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، މި ޕްރޮގްރާމުގެ ސަބަބުން ތަމްރީނު ލިބިފައިވާ، އަޚްލާޤު ރަނގަޅު، ޤައުމަށް ފައިދާހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!