ށ. ކަނޑިތީމުގެ ކުޑަކުދިންނަށް ޚާއްޞަކޮށްގެން "ކުރަހާލުމަށް ވަގުތުކޮޅެއް" ގެ ނަމުގައި ކުރެހުމުގެ އިވެންޓެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
މިއީ ކަނޑިތީމު ކައުންސިލާއި މަޝްހޫރު ކުރެހުންތެރިޔާ "ކުރަހާ ރާއްޕެ" ގުޅިގެން، އެ ރަށުގެ ގްރޭޑް 3 ން 6 ގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ބާއްވާ ޚާއްޞަ އިވެންޓެކެވެ. މި އިވެންޓް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދު ހަވީރު، އެ ރަށު އަތިރިމަތީގައެވެ.
ކައުންސިލްގެ ރައީސް އިބްރާހީމް ނަޒްމީ "ތިލަދުން"އަށް ވިދާޅުވީ މި އިވެންޓްގައި މިހާރު 40 ވަރަކަށް ކުދިން ބައިވެރިވެފައިވާކަމަށާއި ކުރީ އަހަރާ އަޅާބަލާއިރު މި އަހަރު މި އިވެންޓަށް ލިބިފައިވާ ތަރުހީބު ބޮޑުކަމަށެވެ.
މި އަހަރުގެ އިވެންޓުގައި މައިގަނޑު ގޮތެއްގައި ކުދިންނަށް ދަސްކޮށްދިނުމަށް ހަމަޖެހިފައިވަނީ ޗާކޯލް ކުރެހުމުގެ ހުނަރުތަކެވެ. މި އިވެންޓަށް ބޭނުންވާ އެންމެހައި ކުރަހާ ތަކެތި ކަނޑިތީމު ކައުންސިލުން ފޯރުކޮށްދޭނެކަމަށް ނަޒްމީ ވިދާޅުވިއެވެ.
މި އިވެންޓް ކުރިއަށް ގެންދިޔުމަށް ކުރަހާ ރާއްޕެ ދެއްވާ އެހީތެރިކަމަކާއި އެއްބާރުލުން ފާހަގަކޮށް، ކަނޑިތީމު ކައުންސިލުން ވަނީ ރާއްޕެއަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.
ކަނޑިތީމަށް ޒިޔާރަތްކުރައްވާ ތަފާތު ހުނަރުތަކުގެ ފަންނީ ބޭފުޅުންނާ ގުޅިގެން، ކައުންސިލްގެ އިސްނެގުމުގެ މަތިން މިފަދަ ތަފާތު އިވެންޓްތައް މީގެ ކުރިން ވެސް އެ ރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ކައުންސިލުން ބުނީ ރަށަށް ވަޑައިގަންނަވާ މިފަދަ ފަންނުވެރިންގެ ފަރާތުން ރަށުގެ ތަރައްޤީއަށާއި ކުދިންގެ ހުނަރު އިތުރުކުރުމަށް ލިބޭ އެހީތެރިކަން އަބަދުވެސް ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ. އަދި އެ ހުރިހާ ފަރާތްތަކަށް ކައުންސިލްގެ ނަމުގައި ޝުކުރު އަދާކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!