މިއަހަރުގެ ތެރޭގައި ފަތުރުވެރިކަން ދަށްވެގެން ދިޔަ ތިން މަސްދުވަހާއެކު ވެސް، އަހަރު ނިމޭއިރު މިދިޔަ އަހަރާ އެއްވަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ސަރުކާރުން މިރޭ ބޭއްވި "އަހާ" ފޯރަމުގައި އާންމުންގެ ފަރާތުން ކުރިމަތިވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އަހަރުކަން ފާހަގަކުރައްވައި ވަޒީރު ވަނީ އެ އަހަރު ފަތުރުވެރިން އައި އަދަދު ރަނގަޅުވި މައިގަނޑު ސަބަބުތައް ތަފްޞީލުކޮށްދެއްވާފައެވެ. އެގޮތުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމުގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ މިންގަނޑު މަތިވުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 2024 ވަނަ އަހަރު ސިވިލް އޭވިއޭޝަނަށް ބަދަލުތަކެއް ގެނެވި، ސަލާމަތީ މިންގަނޑު މަތިކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ މިންގަނޑު ބަލާ އައިކާއޯގެ އޮޑިޓުން ރާއްޖެއަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އަހަރު ފެށިގެން އައި ފުރަތަމަ ދެ މަސް ކަމަށްވާ ޖަނަވަރީ އަދި ފެބުރުވަރީ މަހު ސަރުކާރުން އަމާޒު ހިފިގޮތަށް ކުރިއެރުން ހޯދުނު ކަމަށެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މާރިޗު، އެޕްރީލް އަދި މޭ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 24 އިންސައްތަ ދަށަށް ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ދަތިތަކާއެކު ވެސް، ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތް ގުޅިގެން ކުރި މަސައްކަތުން އެ ތަފާތު މިހާރު 1.3 އިންސައްތައަށް ކުޑަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރުގެ ފޯކާސްޓަކީ މިއަހަރު ނިމޭއިރު މިދިޔަ އަހަރާ ގާތްގަނޑަކަށް ހަމަކުރެވުން ކަމަށާއި، އެއަށްވުރެ ކުޑަތަންކޮޅެއް އިތުރުވިޔަސް ވާނީ ރަނގަޅަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ވަކި ރާއްޖެއަށް އެކަނި ދިމާވި ކަމެއް ނޫން ކަމަށާއި، މި ރިކަވަރީ ވެގެންދާނީ ދުނިޔެއަށް ވެސް ފެންނާނެ ރަނގަޅު މިސާލަކަށް ކަމަށް ވިދާޅުވެ ވަޒީރު ވަނީ އެކަމާމެދު ހިތްހަމަޖެހުން ފާޅުކުރައްވާފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެއިތުރުން، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ހަރުދަނާކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަންނަ އަހަރަކީ ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.