އެމެރިކާގައި ޑީސަލްގެ އަގު އިންތިހާއަށް އުފުލިފައިވާ މައްސަލައިގައި ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ކުށްވެރިކުރައްވައި، އެ ގައުމަށް އައު ރައީސަކު ހޮވަން ވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ، އެމެރިކާގެ ތެލުގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި ރަޝިޔާއިން ޑީސަލް ގަތުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާއެކު އެއްބަސްވުމެއް ހެއްދެވުމަށް ފަހުގައެވެ.
ރިޕަބްލިކަން ޕާޓީގެ ސަޕޯޓަރުންގެ އެއްވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ޓެނެސީއަށް ފުރާވަޑައިގަތުމުގެ ކުރިން ޓްރަމްޕް ވިދާޅުވީ، ޔޫކްރޭނަށް މިހާރު ބޭނުންވަނީ އެއްބަސްވުމަކަށް އާދެވޭނެ އައު ލީޑަރެއް ކަމަށެވެ. ޒެލެންސްކީއަށް އެތައް އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ނަމަވެސް އެކަން ނުކުރެއްވި ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ދުނިޔެއަށާއި އެމެރިކާގެ ދަނޑުވެރިންނަށް ޑީސަލްގެ ދަތިކަން ކުރިމަތިކުރުވަނީ ޔޫކްރޭނުން ކަމަށް ތުހުމަތުކުރައްވާފައެވެ. މީގެއިތުރުން، 2022 ވަނަ އަހަރު އޭނާ ވެރިކަމުގައި ހުންނެވިނަމަ އެ ހަނގުރާމަ ނުފެށުނީސް ކަމަށާއި، ހަނގުރާމަ ފެށުނީ ގާބިލުކަން ނެތުމުގެ ސަބަބުން ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ މިޑްޓާމް އިންތިޚާބު ކައިރިވެފައިވަނިކޮށް ހުކުރު ދުވަހު ހެދި އެއްބަސްވުމުގެ ދަށުން، ރަޝިޔާއިން ވަގުތުން 300،000 ޓަނުގެ ޑީސަލް އެމެރިކާއަށް ފޯރުކޮށްދޭނެއެވެ. އަދި އަންނަ ނޮވެމްބަރު މަހު އިތުރު 500،000 ޓަނު، އަދި އޭގެ ފަހުން ވަގުތުން 1 މިލިއަން ޓަނުގެ ޑީސަލް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އިތުރު 3 މިލިއަން ޓަނުގެ ޑީސަލް ރަޝިޔާއިން ފޮނުވާނެ ކަމަށް ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ.
މި އެއްބަސްވުމާ ގުޅިގެން ޔޫކްރޭނާއި ޔޫރަޕްގެ އިސް އޮފިޝަލުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ރަޝިޔާއިން ކުރަމުންދާ ހަނގުރާމައަށް ބޭނުންވާ ފައިސާ ހޯދުމަށް މަގުފަހިވެގެންދާނެއެވެ. ޔޫކްރޭނުގެ ރައީސް ޒެލެންސްކީ އެކްސްގައި ލިޔުއްވި ގޮތުގައި، ޑީސަލް އެކްސްޕޯޓް ކުރުމުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ރަޝިޔާއިން ޝުކުރު އަދާކުރީ ޒަޕޮރީޒިއާގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް ބޮން އަޅައިގެންނެވެ. އަދި ތެލުގެ ވިޔަފާރިން ރަޝިޔާއަށް އިތުރަށް ލިބޭ ކޮންމެ ބިލިއަން ޑޮލަރަކުން ހަތިޔާރާއި ޑްރޯން އުފެއްދުމަށާއި ކުލީ ސިފައިން ހޯދުމަށް ހޭދަކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕްގެ މި ނިންމެވުން އައިސްފައިވަނީ ޔޫކްރޭނުގެ ޒަޕޮރީޒިއާ ސަރަހައްދުގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް ރަޝިޔާއިން ދިން ވައިގެ ހަމަލާތަކެއްގައި މަދުވެގެން 20 މީހުން މަރުވެފައިވާ ދަނޑިވަޅެއްގައެވެ. ޔޫކްރޭނުގެ ސްޓޭޓް އިމަޖެންސީ ސާވިސްއިން ބުނި ގޮތުގައި، މަރުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭއިރު، 18 މީހަކު ވަނީ ޒަޚަމްވެފައެވެ. ހަނގުރާމައިގެ ކުރީ ސަފުގައި ދެފަރާތުގެ ސިފައިން ކުރިއަށް ނުދެވި ތިބި ނަމަވެސް، ރަޝިޔާއިން ދެމުންދާ ވަރުގަދަ ވައިގެ ހަމަލާތަކުގައި ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި އެކަނިވެސް 60 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންޑިޕެންޑެންސް ސްކުއާގައި ހުރި އާންމު ރައްޔިތެއް ކަމަށްވާ އުމުރުން 26 އަހަރުގެ އޮލެކްސެންޑަރ ޕެޓްރެންކޯ ބުނީ، ޓްރަމްޕްގެ އަސްލު ސޫރަ އަނެއްކާވެސް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި އެމެރިކާގެ ރައީސަށް ޔޫކްރޭނުގެ ރައްޔިތުންގެ ހާލަތާއި ގެދޮރު ހަލާކުވުން މުހިންމު ނޫން ކަމަށާއި، އޭނާއަށް މުހިންމީ ހަމައެކަނި ތެލުގެ އަގު ކަމަށްވެސް އޭނާ ބުންޏެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުނީ އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ކުރާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތިން ތެޔޮ ބޭރުކުރުމަށް ހުރަސްއެޅުމުންނެވެ. ނަމަވެސް، ޓްރަމްޕް ވަނީ މި މައްސަލައިގެ ޒިންމާ ޔޫކްރޭނުގެ ބޮލުގައި އަޅުވަން މަސައްކަތް ކުރައްވާފައެވެ. އެސޯސިއޭޓެޑް ޕްރެސް އާއި އެންއޯއާރްސީ ސެންޓަރުން ހެދި ހިޔާލުހޯދުމުގެ ސާވޭއަކުން ދައްކާ ގޮތުގައި، އެމެރިކާގެ ގިނަ ރައްޔިތުން އީރާނުގެ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކާ ދެކޮޅު ހަދައި، ތެލުގެ އަގުބޮޑުވުމުގެ ޒިންމާ އަޅުވަނީ ޓްރަމްޕްގެ އިސްތަށިފުޅުގައެވެ.
ޔޫކްރޭނާއި ރަޝިޔާ ޖައްސުވައި ހަނގުރާމަ ފެށުމަށް އެންމެ ބޮޑު ވާގިވެރިކަމެއް ދިނީ ވެސް އެމެރިކާއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!