ރާއްޖޭގައި ތަރައްގީކުރަމުން އަންނަ ބަކާރާ ހޮޓެލް އެންޑް ރެޒިޑެންސަސް މޯލްޑިވްސް އިން، ޕްރައިވެޓް ރަށެއް 72 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކަން ހުޅުވާލައިފިއެވެ.
މި ރަށް ގަތުމުގެ މުއާމަލާތްތައް ހާއްސަކޮށްފައިވަނީ ޑިޖިޓަލް ކަރަންސީ ނުވަތަ ކްރިޕްޓޯ ފައިސާ ގެންގުޅޭ ފަރާތްތަކަށެވެ.
މި ޕްރައިވެޓް ރަށް އޮންނަނީ ބަކާރާ މޯލްޑިވްސްގެ މައި ރަށުގެ ދެކުނު ކޮޅުގައެވެ. އަމިއްލަ ގޮނޑުދޮށަކާއި ފަރެއް އޮންނަ މި ރަށުގައި، ފުރިހަމައަށް ފަރުނީޗަރު ހަރުކޮށްފައިވާ ހަތަރު ކޮޓަރީގެ ހަތަރު ވިލާ ހިމެނެއެވެ. ކޮންމެ ވިލާއެއްގައި 65 ފޫޓުގެ ޕްރައިވެޓް ސްވިމިން ޕޫލަކާއި، ޖިމަކާއި، ޔޯގާ ހަދާ ދެ ޕެވިލިއަން އަދި ކަނޑުގެ މަންޒަރު ފެންނަ ޓެރަސްތައް ހިމެނެއެވެ. މީގެ އިތުރުން ޕްރައިވެޓް ކޯޒްވޭއަކުން ވަދެވޭ ގޮތަށް ގޭޓު އަޅާފައިވާ މި ރަށުގައި، ހާއްސަ ސެކިއުރިޓީ ޓީމަކާއި 24 ގަޑިއިރު ހިދުމަތްދޭ މުވައްޒަފުން ތިބެއެވެ.
އެ ރަށުގައިވާ ހަތަރު ވިލާ އެކުގައި 72 މިލިއަން ޑޮލަރަށް އަގުކޮށްފައިވާއިރު، ވަކިވަކިން ބަލާނަމަ ކޮންމެ ވިލާއެއްގެ އަގަކީ 18 މިލިއަން ޑޮލަރެވެ. މި ތަންތަނުގެ އާކިޓެކްޗާ ފަރުމާކޮށްފައިވަނީ އެޗްކޭއެސް އިންނެވެ. އެތެރޭގެ ޑިޒައިން ނުވަތަ އިންޓީރިއާ 1508 ލަންޑަނުން ތައްޔާރުކުރިއިރު، އަލިފޯރުވައިދިނުމުގެ ބައި ފަރުމާކޮށްފައިވަނީ އެލް’އޮބްޒަވޭޓުއާ އިންޓަނޭޝަނަލް އިންނެވެ.
މި ރަށް ވިއްކުމުގެ ކަންކަން ކުރިއަށް ގެންދަނީ ކްރިޕްޓޯކަރަންސީ މިލްކުކުރާ މީހުންނަށް ހާއްސަ ޕްރައިވެޓް މެންބާސް ކްލަބެއް ކަމަށްވާ "ކޯން" މެދުވެރިކޮށެވެ. މަދު ދުވަސްކޮޅަކަށް އެ ކްލަބަށް ލިބިފައިވާ ހާއްސަ ހައްގުގެ ދަށުން، މި ރަށް ގަންނަ ފަރާތްތަކަށް އަގު ދެއްކުމުގައި އެމެރިކާ ޑޮލަރާ އެއްވަރަކަށް އަގު ހިފަހައްޓާ ސްޓޭބަލްކޮއިންއެއް ކަމަށްވާ ޔޫއެސްޑީސީ ބޭނުންކުރެވޭނެއެވެ. އެހެންކަމުން ޑިޖިޓަލް ފައިސާ އާދައިގެ ޑޮލަރަށް ބަދަލުނުކޮށް، ސީދާ ޔޫއެސްޑީސީން މުއާމަލާތް ފުރިހަމަކުރެވޭނެއެވެ.
މި މުއާމަލާތްތައް ހަމަޖައްސައި ވިއްކުމުގެ ކަންކަން ކޯން އިން ވިލަރެސްކުރާއިރު، މުޅި ރަށް އެއްކޮށް ގަންނަން ބޭނުންނުވާ ފަރާތްތަކަށްވެސް އެ ކްލަބް މެދުވެރިކޮށް އެ މަޝްރޫއުން ބީޗްފްރަންޓް ހަތަރު ރެޒިޑެންސެއް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮންމެ ތަނެއް 7.3 މިލިއަން ޑޮލަރަށް ވިއްކާ ތިން ކޮޓަރީގެ ދެ ރެޒިޑެންސާއި، ކޮންމެ ތަނެއް 11.6 މިލިއަން ޑޮލަރަށް ވިއްކާ ހަތަރު ކޮޓަރީގެ ދެ ރެޒިޑެންސެވެ. މި ތަންތަން ވެސް ސްޓޭބަލްކޮއިން ބޭނުންކޮށްގެން ގަނެވޭނެއެވެ.
ކޯންގެ ބާނީ ކްރިސް ސްޕަޑަފޯރާ ވިދާޅުވީ، ސްޓޭބަލްކޮއިން މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފައިސާ ދައުރުވަމުން އަންނަތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ.
"ބަދަލުވަމުން މި އަންނަނީ މި ފައިސާ ބަލައިގަންނަ ދާއިރާތައް. ބަކާރާ މޯލްޑިވްސް ފަދަ ނަމަކުން މި ފައިސާ ރެޒިޑެންސްތަކަށް ބަލައިގަތުމަކީ، މި ފައިސާ ގެންގުޅޭ ކޮންމެ މީހަކަށްވެސް އެމީހުންގެ ފައިސާއަކީ އެހެން ކޮންމެ ފައިސާއަކާ އެއްވަރުގެ އަގެއް ހުރި އެއްޗެއްކަން އަންގައިދޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ބަކާރާ ހޮޓެލް އެންޑް ރެޒިޑެންސަސް މޯލްޑިވްސްގެ ބޮޑު މަޝްރޫއުގައި ހޮޓަލަކާއި، ޕްރައިވެޓް ރެޒިޑެންސްތަކާއި، ގޮލްފް ކޯހަކާއި، މެރީނާއެއްގެ އިތުރުން ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނާއި ވެލްނަސް ވަސީލަތްތައް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!