ތ. ތިމަރަފުށީގައި އޮޕަރޭޓްކުރަމުންދިޔަ، އައިސިސް ޖަމާއަތަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ ސެލްއަކުން ދިވެހިރާއްޖޭގައި ޓެރަރިސްޓް (ނިރުބަވެރި) ހަމަލާއެއް ދޭން ރޭވި ކަމަށް ބުނެ ކުރި މައިގަނޑު ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ކޯޓުން އެ ދައުވާތައް ސާބިތުނުވާ ކަމަށް ނިންމި މައިގަނޑު ސަބަބަކީ ހެއްކެއްގެ ގޮތުގައި މައްސަލައަށް ހުށަހެޅި މޮބައިލް ފޯނަކުން ނެގި ޑޭޓާގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދިފައިވުމެވެ.
މި މައްސަލައިގައި ދައުލަތުން ޖުމްލަ ހަތް ދައުވާއެއް ކޯޓަށް ހުށަހެޅި ނަމަވެސް، ޝަރީއަތަށް ސާބިތުވެފައިވަނީ އޭގެ ތެރެއިން ތިން ދައުވާއެކެވެ. މިއަދު އިއްވި ހުކުމުގެ ނަތީޖާއެއްގެ ގޮތުން، ޖަލު އަދަބު ތަންފީޒުކުރަންޖެހޭ އަލީ އަރުހަމް މުހައްމަދު ފިޔަވައި، މި މައްސަލައިގައި ދައުވާ ލިބުނު އެހެން ހުރިހާ އެންމެން މިހާރު ވަނީ ބަންދުން މިނިވަންވެފައެވެ.
ކްރިމިނަލް ކޯޓުން ސާބިތުނުވާ ކަމަށް ނިންމި ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ދައުވާ ހިމެނެއެވެ. މީގެ އިތުރުން ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާވެސް ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ. ދައުލަތުން ބުނީ މި ދައުވާތައް އިސްތިއުނާފު ކުރުމާމެދު ގޮތެއް ނިންމާނީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން ކަމަށެވެ.
މައްސަލައިގައި ސާބިތުވި ދައުވާތަކަށް ބަލާއިރު، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގައި އަބްދުﷲ އިމާދުގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އަދި އަލީ މުނީޒުގެ މައްޗަށް އެއް އަހަރާއި ނުވަ މަހާއި އެއް ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ. އަދި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގައި އަބްދުﷲ އިމާދާއި އިބްރާހީމް ލޫތުގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، އެ މީހުން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރަންޖެހޭ އިތުރު އަދަބެއް ނެތެވެ. މި މައްސަލައިގައި ހުކުމް ތަންފީޒުކުރަން ޖެހުނު ހަމައެކަނި މީހަކީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުން ތިން އަހަރުގެ ޖަލު ހުކުމެއް، އަދި ހަނގުރާމައަށް ދާން އުޅުމުގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި އަލީ އަރުހަމް މުހައްމަދެވެ.
މި މައްސަލައިގައި ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ 8 ފެބްރުވަރީ 2021 ގައެވެ. އޭގެ ފަހުން މައްސަލައިގެ ހެކިބަސް ނަގައި ނިންމާލެވިފައިވަނީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އަދި އެ އަހަރުގެ އެޕްރީލް މަހު ޚުލާސާ ބަޔާން ހުށަހަޅައި އަޑުއެހުންތައް ނިންމާލުމަށްފަހު، މިއަދު ހެނދުނު 8:15 އިން ފެށިގެން ބޭއްވި އަޑުއެހުމުގައި ވަނީ މައްސަލައިގެ ހުކުމް އިއްވައިފައެވެ.
މި މައްސަލައިގައި އިތުރު ބައެއްގެ މައްޗަށްވެސް އެކި ދައުވާތައް އުފުލިއެވެ. އެގޮތުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާ އަބްދުﷲ ޝަރީފާއި، ޝަމާޚު ޝަރީފް އަދި އަހުސަން މުހައްމަދުގެ މައްޗަށް ކުރިއެވެ. މީގެ އިތުރުން އަބްދުﷲ ޝަރީފްގެ މައްޗަށް ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ދައުވާ އުފުލިއިރު، މުހައްމަދު އާސިރުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އުފުލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!