އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމަ، "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާގެ 81 މަތިންދާބޯޓާއި ޑްރޯން ހަލާކުވެ ނުވަތަ ގެއްލުން ލިބިފައިވާ ކަމަށް ކޮންގްރެޝަނަލް ރިސާޗް ސާވިސް (ސީއާރްއެސް) އިން އާންމުކުރި ރިޕޯޓެއްގައި ބުނެފިއެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު މި އޮޕަރޭޝަން ފެށި ފަހުން ލިބުނު މި ގެއްލުންތައް މަރާމާތު ކުރުމަށާއި އަލުން ހޯދުމަށް ގާތްގަނޑަކަށް 1.9 ބިލިއަން ޑޮލަރާއި 3.3 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށް ކޮންގްރެޝަނަލް ބަޖެޓް އޮފީސް (ސީބީއޯ) ގެ ހިސާބުތަކުން ވަނީ ދައްކައިފައެވެ.
ސީއާރްއެސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މިއީ މިދިޔަ މެއި މަހު އެ އިދާރާއިން ރިޕޯޓުކުރި 42 ބޯޓުގެ ގެއްލުމާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ. ނަމަވެސް، ގެއްލުންވި 81 އުޅަނދަކީ އެއްކޮށް ސުންނާފަތިވި އުޅަނދުތައް އެކަނި ނޫން ކަމަށާއި، ބައެއް އުޅަނދުތަކަށް ލިބުނު ގެއްލުންތައް މަރާމާތުކޮށް އަލުން އަސްކަރީ ހިދުމަތަށް ނެރެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި ގެއްލުންތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ ދުއްވާނެ މީހަކު ނުހުންނަ ވައިގެ އުޅަނދު ނުވަތަ ޑްރޯންތަކެވެ. އެގޮތުން، މިހާތަނަށް އެމެރިކާގެ މަދުވެގެން 45 އެމްކިއު-9 ރީޕާ ޑްރޯން މެދުއިރުމަތީގެ ހަރަކާތްތަކުގައި ހަލާކުވެފައިވާއިރު، މިއީ ލިބުނު ޖުމްލަ ގެއްލުންތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ބޮޑު އަދަދެކެވެ. މިއިން ކޮންމެ ޑްރޯނެއްގެ އަގު 30 މިލިއަން އާއި 50 މިލިއަން ޑޮލަރާ ދެމެދުގައި އުޅޭއިރު، އެމެރިކާގެ ވައިގެ ސިފައިންގެ އޮފިޝަލުން ވަނީ މިއީ މި ކެމްޕޭނުގައި އެންމެ ބުރަކޮށް މަސައްކަތްކުރާ ވަސީލަތް ކަމަށާއި، މި ބޯޓުތަކުގެ އަދަދު ވަރަށް ހަލުވިކަމާއެކު މަދުވަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޑްރޯންތަކުގެ އިތުރުން ޕެންޓަގަންގެ އެންމެ ޒަމާނީ އަދި މަދު އަދަދަކަށް ހުރި ބައެއް އަސްކަރީ ޖެޓުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭގެ ތެރޭގައި، މާޗު 19 ގައި އީރާނުގެ ބިމުން ފޮނުވާލި ހަމަލާތަކެއް އަރައިގެން ގެއްލުންވި އެފް-35އޭ ލައިޓްނިންގް 2 މަރުކާގެ ސްޓެލްތު ފައިޓާ ޖެޓަކާއި، މާޗު 27 ގައި ސައޫދީ އަރަބިއްޔާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް އީރާނުން ދިން މިސައިލް ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު އީ-3 ސެންޓްރީ (އަވާކްސް) މަތިންދާބޯޓެއް ހިމެނެއެވެ. އަދި 12 އެފް-15އީ ސްޓްރައިކް އީގަލް ޖެޓަކަށް އެކިވަރުގެ ގެއްލުން ވެފައިވާއިރު، އޭގެ ތެރެއިން ތިން ޖެޓެއް ވެއްޓުނީ މާޗު މަހުގެ ކުރީކޮޅު ކުވެއިތުގެ އަސްކަރިއްޔާއިން އޮޅިގެން ދިން ހަމަލާތަކެއްގައެވެ. އަނެއް ޖެޓު އޭޕްރީލް މަހު އީރާނުން ވައްޓާލިއިރު، ސެޕްޓެމްބަރު މަހު ޖޯޑަންގެ މުވައްފަގު ސަލްތީ އެއާ ބޭސްއަށް ދިން މިސައިލް ހަމަލާއެއްގައި އަށް ޖެޓަކަށް ކުދި ގެއްލުންތައް ލިބި، މަރާމާތަށް ފަހު ވަނީ ހިދުމަތަށް ނެރެފައެވެ. މީގެ އިތުރުން އޭ-10 ތަންޑަބޯލްޓް 2 މަރުކާގެ ދެ ބޯޓަކަށް ވެސް ވަނީ ގެއްލުން ވެފައެވެ.
ސީއާރްއެސްގެ ރިޕޯޓުގައި ހަތް ކޭސީ-135 ސްޓްރެޓޯޓޭންކަރަށް ގެއްލުންވި ކަމަށް ފާހަގަކޮށްފައިވާއިރު، އޭގެ ތެރެއިން އެއް ބޯޓު މާޗު 12 ވަނަ ދުވަހު އިރާގުގެ ހުޅަނގަށް ވެއްޓި އޭގައި ތިބި ހަ ފަޅުވެރިން ވަނީ މަރުވެފައެވެ. އަދި އޭޕްރީލް މަހު އީރާން ތެރޭގައި ހިންގި ސަލާމަތީ އޮޕަރޭޝަނެއްގައި ދިމާވި މެކޭނިކަލް މައްސަލަތަކަކާ ގުޅިގެން، އަސްކަރީ ނާޒުކު ޓެކްނޮލޮޖީ ދުޝްމަނުންގެ އަތްދަށަށް ދިޔަނުދިނުމަށްޓަކައި އެމެރިކާ ސިފައިން ވަނީ އެމްސީ-130ޖޭ ކޮމާންޑޯ 2 މަރުކާގެ ދެ ބޯޓާއި އޭއެޗް-6 ލިޓްލް ބާޑް މަރުކާގެ ހަތަރު ހެލިކޮޕްޓަރު އަމިއްލައަށް ގޮއްވާލައި ނައްތާލައިފައެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އެމެރިކާއަށް މާލީ ގޮތުން ބޮޑެތި ބުރަތަކެއް އުފުލަންޖެހިފައިވާއިރު، އަސްކަރީ އޮޕަރޭޝަންތަކުގެ ހަރަދު މިހާރު 43.6 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ ކޮންގްރެސްއަށް އަންގައިފައެވެ. މީގެއިތުރުން އިރާގު، ކުވެއިތު، ސައޫދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އީރާނުން ދިން ހަމަލާތަކުގައި އިންފްރާސްޓްރަކްޗާއަށް އެކަނި ވެސް 184 މިލިއަން ޑޮލަރުގެ ސީދާ ގެއްލުން ވަނީ ލިބިފައެވެ. ސީއާރްއެސް އިން އިންޒާރު ދީފައިވާ ގޮތުގައި މިފަދަ ބޮޑެތި ގެއްލުންތަކުގެ ސަބަބުން އިންޑޯ-ޕެސިފިކް އަދި ޔޫރަޕް ފަދަ އެހެން ސަރަހައްދުތަކުގައި އެމެރިކާގެ އަސްކަރީ ތައްޔާރީތަކަށާއި ގާބިލުކަމަށް ބޮޑެތި ހުސްކަންތައްތަކެއް އައުމުގެ ފުރުސަތު އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!