އޮންލައިންކޮށް ވިޔަފާރިކުރުމުގައްޔާއި ޚާއްސަކޮށް ޓެމޫ މެދުވެރިކޮށް ތަކެތި ގަތުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާ ޕްރޮގްރާމްގައި ބައިވެރިވި އާންމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

"ރައްޔިތުންގެ އަޑު" ސިލްސިލާގައި މި ހަފުތާގައި ކުރިއަށް ގެންދެވީ މި ސިލްސިލާގެ ނުވަވަނަ ޕްރޮގްރާމެވެ. މި ޕްރޮގްރާމްގައި ބައިވެރިވި އާންމު ރައްޔިތަކު ވަނީ، ގިނަ ބަޔަކު މިހާރު ޓެމޫއިން ތަކެތި ގެންނަމުންދާއިރު އެ ވިޔަފާރިކުރުމަށް މިހާރު ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމުގެ ކަންބޮޑުވުން ރައީސާ ހިއްސާކޮށްފައެވެ.

މި ކަންބޮޑުވުމާ ގުޅިގެން ރައީސް ވިދާޅުވީ، ޓެމޫ ފަދަ އޮންލައިން ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމަށް ހުރި ދަތިތަކަށް ހައްލެއް ގެނެސްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.

"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" އެ މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުޞަތު ދެއްވުމަށްޓަކައި "ރައްޔިތުންގެ އަޑު" ގެ ނަމުގައި ބާއްވަވާ ސިލްސިލާގެ މައިގަނޑު ބޭނުމަކީ ރައީސް ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ރައީސްއާއެކު ބޭއްވޭ މި ބައްދަލުވުމުގައި އަމިއްލަ ކަންކަމާއި އިދާރީ އަދި އިޖުތިމާއީ މަސްލަހަތު ހުރި ތަފާތު ކަންކަމާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދެއެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ މީހަކަށްވެސް ވާހަކަދެއްކުމަށް 10 މިނިޓުގެ ވަގުތެއް ލިބެއެވެ.