ހދ. ނައިވާދޫ ޒުވާނުންގެ ޖަމްޢިއްޔާއާއި އެ ރަށު ސްކޫލް އިސްދަރިވަރުންގެ ޖަމްޢިއްޔާއަށް ދޫކޮށްފައިވާ ބަންޑާރަ ބިމާއި ޢިމާރާތްތައް އަނބުރާ ކައުންސިލަށް ނެގުމަށް ނިންމައި، އެ ތަންތަނުގައި ހުރި މުދާތައް ނެރުމަށް ނައިވާދޫ ކައުންސިލުން އަންގައިފިއެވެ.
ނައިވާދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، އެ ދެ ޖަމްޢިއްޔާގެ ބިމާއި ޢިމާރާތްތަކުގައި ހުރި ނުއުފުލޭ މުދާ ފިޔަވައި އެހެނިހެން އެންމެހައި ތަކެތި ނެރެ ބިން ހުސްކުރަންޖެހޭނެ ކަމަށެވެ. އެގޮތުން، 08 އޮކްޓޫބަރު 2026 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ތަކެތި ނެރެ ނިންމުމަށް ވަނީ މުއްދަތު ދީފައެވެ.
މީގެ އިތުރުން، ކައުންސިލުން ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު ނުގެންގޮސް ހުންނަ ތަކެއްޗާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ. އެގޮތުން މުއްދަތު ހަމަވުމަށްފަހު ބާކީ ހުންނަ ތަކެއްޗާމެދު ޢަމަލުކުރެވޭނީ ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މި ދެ ބިން އަނބުރާ ނެގުމަށް ނިންމި މައިގަނޑު ސަބަބުތަކަށް ބަލާއިރު، ނައިވާދޫ ޒުވާނުންގެ ޖަމްޢިއްޔާއަކީ މިހާރު އުވާލެވިފައިވާ ޖަމްޢިއްޔާއެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ކައުންސިލަށް އަންގާފައެވެ. ހަމައެއާއެކު، ނައިވާދޫ ސްކޫލް އިސްދަރިވަރުންގެ ޖަމްޢިއްޔާއަކީވެސް އެއްވެސް ޙަރަކާތެއް ނުހިންގާ ޖަމްޢިއްޔާއެއް ކަމަށް އެ ވުޒާރާއިން ކައުންސިލަށް މަޢުލޫމާތު ދީފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
ކައުންސިލުން ފާހަގަކުރި ގޮތުގައި، މި ދެ ޖަމްޢިއްޔާއަށް ދޫކޮށްފައިވާ ބަންޑާރަ ބިމާއި ޢިމާރާތްތައް އެއްވެސް ވަރަކަށް ބޭނުންނުކޮށް ހުރުމުގެ ސަބަބުން، އެ ތަންތަން ވަނީ ވީރާނާވާން ދޫކޮށްލެވިފައެވެ. އެހެންކަމުން، ބޭނުންނުކޮށް ހުރި އެ ބިންތަކާއި ޢިމާރާތްތައް އަނބުރާ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނަން ނިންމީއެވެ.
މި ދެ ބިން އަނބުރާ ކައުންސިލަށް ނެގުމަށް ރަސްމީކޮށް ފާސްކޮށްފައިވަނީ 20 ސެޕްޓެންބަރު 2026 ގައި ބޭއްވުނު ނައިވާދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 18 ވަނަ ޢާންމު ޖަލްސާއިންނެވެ. މި ނިންމުމާ ގުޅިގެން، ކައުންސިލުން މިހާރު ވަނީ ބިންތައް ޙަވާލުވުމުގެ އިޖުރާއާތުތައް ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!