މިއަހަރުގެ ސެޕްޓެމްބަރު 24 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30.205 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 28.750 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.1 އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވުމެވެ.
މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާ އިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 21.366 ބިލިއަން ރުފިޔާއިން 23.388 ބިލިއަން ރުފިޔާއަށް އިތުރުވެ، 9.5 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 7.880 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 7.669 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.7 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ 1.245 ބިލިއަން ރުފިޔާއިން 1.267 ބިލިއަން ރުފިޔާއަށް އުފުލި، 1.7 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.
އާމްދަނީ ލިބޭ އެހެނިހެން މައިގަނޑު ދާއިރާތަކަށް ބަލާއިރު، އިމްޕޯޓް ޑިއުޓީ 13.1 އިންސައްތަ އިތުރުވެ 2.484 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ވިޔަފާރި އާއި މުދަލުގެ ޓެކުހުން ލިބުނު އާމްދަނީ 21.4 އިންސައްތަ އިތުރުވެ 5.778 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާންމު މުދަލާއި ހިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) 10.8 އިންސައްތަ އިތުރުވެ 4.051 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކުހުން ލިބުނު އާމްދަނީ 8.8 އިންސައްތަ އިތުރުވެ 1.431 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުދަލުން ލިބޭ އާމްދަނީ ވަނީ 25.3 އިންސައްތަ އިތުރުވެ 1.856 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ދެގުނައަށްވުރެ އިތުރުވެ، 0.237 ބިލިއަން ރުފިޔާއިން 0.496 ބިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޖުމްލަ ހަރަދުތައް ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެގޮތުން ޖުމްލަ ހަރަދު ވަނީ 18.8 އިންސައްތަ އިތުރުވެ، 33.562 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖުމްލަ ހަރަދުގެ ގޮތުގައި ހިނގާފައިވަނީ 28.251 ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ހަރަދުތައް 24.321 ބިލިއަން ރުފިޔާއިން 28.897 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ 18.8 އިންސައްތައިގެ ބޮޑުވުމެކެވެ. މީގެ ތެރޭގައި ހިމެނޭ އާސަންދަ ހިދުމަތަށް ކުރި ހަރަދު ވަނީ 23.3 އިންސައްތަ އިތުރުވެ، 1.748 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ހަމައެއާއެކު، ސަބްސިޑީތަކަށް ކުރި ހަރަދު ވަނީ 77.1 އިންސައްތައިގެ ބޮޑު ކުރިއެރުމަކާއެކު 4.148 ބިލިއަން ރުފިޔާއަށް އަރާފައެވެ. ރިކަރަންޓް ހަރަދުގެ ތެރެއިން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 10.1 އިންސައްތަ އިތުރުވެ 10.702 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށް 24.3 އިންސައްތަ އިތުރުވެ 18.123 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ. އަދި ކައުންސިލްތަކަށް ދިން ގްރާންޓް 16.6 އިންސައްތަ އިތުރުވެ 1.884 ބިލިއަން ރުފިޔާއަށް އެރިއިރު، އެހެނިހެން އެހީތަކާއި އިނާޔަތްތަކަށް ކުރި ހަރަދު 53.3 އިންސައްތަ އިތުރުވެ 1.899 ބިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ހަރަދުތައް 18.7 އިންސައްތަ އިތުރުވެ 4.666 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވެއެވެ. އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ކުރި ހަރަދު 18.7 އިންސައްތަ އިތުރުވެ 4.109 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބިމާއި އިމާރާތްތަކަށް ކުރި ހަރަދު 35.2 އިންސައްތަ، އަދި ފާލަމާއި ބަނދަރު ހެދުމަށް ކުރި ހަރަދު 57.3 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރި ހަރަދު 49.3 އިންސައްތަ އަދި ކެޕިޓަލް އިކުއިޕްމަންޓަށް ކުރި ހަރަދު 18.6 އިންސައްތަ އިތުރުވެ 0.540 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މި ހިސާބުތަކާއެކު، 24 ސެޕްޓެމްބަރުގެ ނިޔަލަށް ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ 0.442 ބިލިއަން ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!