ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެސެޓް ޑެކްލެރޭޝަން ރައީސްގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި ޢާންމުކޮށްފައިވާ ކަމަށާއި، ބައްލަވާލައްވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށްވެސް ޕީޑީއެފް އެއްގެ ގޮތުގައި ފަސޭހައިން ޑައުންލޯޑް ކުރެވޭނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

އިސް ތަރުޖަމާނު މިހެން ވިދާޅުވީ "ރައީސް މުޢިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި" މި ސުރުޚީގެ ދަށުން "އަދަދު" ނޫހުގައި ޝާއިޢުކުރި ޚަބަރަކާ ގުޅިގެންނެވެ.

Ad
rt

މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ އެ ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރުގައި އެވާ މަޢުލޫމާތަކީ ކަނޑައެޅިގެން ދޮގު މަޢުލޫމާތެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެސެޓް ޑެކްލެރޭޝަން ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން ފެންނަން ހުންނާނެކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ، އެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުންނާނެކަން މީގެ ކުރިންވެސް ރައީސް އޮފީހުގެ ޚަބަރެއްގެ ގޮތުގައި މީޑިއާ މެދުވެރިކޮށް ޢާންމުކޮށް އިޢުލާންކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން، ރައީސްއާ ގުޅޭ ގޮތުންނާއި ސަރުކާރާ ގުޅުވައިގެން "އަދަދު" ނޫހުން މެދުނުކެނޑި ބޮޑެތި ދޮގުތައް ފަތުރަމުންދާކަމަށް ތުހުމަތުކުރަށްވައި، އެއީ ސިޔާސީ މަޤްޞަދެއްގައި ކުރާ ކަމެއްގެ ގޮތުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ވަނީ ތުހުމަތުކުރަށްވާފައެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިފަދަ ދޮގު މަޢުލޫމާތުތައް ފާހަގަކޮށް، ކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދިނުމުގައި ސަރުކާރުން ފަސްނުޖެހޭނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

"އަދަދު" ނޫހުން ޝާއިޢުކުރި ޚަބަރުގައި ބުނެފައިވަނީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކޮންމެ އަހަރަކު ރައީސް މުޙައްމަދު މުޢިއްޒު އޮޑިޓަރ ޖެނެރަލަށް މާލީ ބަޔާން ހުށަހަޅުއްވާފައިވޭތޯ އާއި، އެ ހުށަހެޅުއްވި މާލީ ބަޔާން ހޯދުމަށް އެ ނޫހުން ކުރި ސުވާލުތަކަށް މަޢުލޫމާތު ދިނުމަށް ރައީސް އޮފީހުން ދެކޮޅު ހަދާފައިވާ ކަމަށެވެ.