ހުޅުމާލެ ފޭސް 2 ގައި ހުންނަ "އަމާން އުދަރެސް" 8 ވަނަ ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބުމާއެކު، ސީންގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

Ad
rt

ފުލުހުން ބުނިގޮތުގައި މި ހާދިސާގައި ވެއްޓިފައި ވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ ވެއްޓިފައި ވަނީ އިމާރާތުގެ 15 ވަނަ ފަންގިފިލާއިންކަމަށް ބެލެވޭކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޓަވަރުތަކުން ކުޑަ ދެ ކުދިން ވެއްޓުމުގެ ދެ ހާދިސާއެއް ދާދި ފަހުން ވަނީ ހިނގައިފައެވެ. އެގޮތުން އޯގަސްޓު 31 ގައި "އަމާން އުދަރެސް" ޓަވަރުން 16 އަހަރުގެ ކުއްޖަކު ވެއްޓި އަނިޔާވެފައިވާއިރު، ޖެހިގެން އައި ދުވަހު ސްޓެލްކޯ ފުލެޓުން 2 އަހަރުގެ އަންހެން ކުއްޖަކު ވެއްޓި ވަނީ ނިޔާވެފައެވެ.

މި ހާދިސާތަކާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ ފުލެޓުތަކުގެ ރައްކާތެރިކަން ވަރުގަދަކުރުމަށް ފިޔަވަޅުތައް އަޅަން ފަށައިފައެވެ. އެގޮތުން ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ޔުޓިލިޓީ ބެލްކަނިތައް އުސޫލާ އެއްގޮތަށް ބަދަލުކުރުމަށްޓަކައި މިދިޔަ މަހުގެ 28 އިން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތެއް ފުލެޓުތަކުގެ ވެރިންނަށް ވަނީ ދީފައެވެ.