ބިލެތްފަހީ ސްކޫލުން ކުރިއަށް ގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، އެ ރަށު ކައުންސިލްގެ ފަރާތުން އެ ސްކޫލަށް ޓީވީއެއް ހަދިޔާކޮށްފިއެވެ.

ކައުންސިލުން ސްކޫލަށް ހަދިޔާކޮށްފައި ވަނީ 55 އިންޗީގެ 4K UHD ގޫގުލް ސުމާޓް ވައިފައި ޓީވީއެކެވެ. މި އެހީތެރިކަމަކީ ސްކޫލުގެ ކިޔަވައިދިނުން ޒަމާނީ ފެންވަރަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިން އެހީއެކެވެ.

Ad
rt

މިކަމާ ގުޅޭގޮތުން ބިލެތްފަހީ ކައުންސިލްގެ ރައީސް ޙުސައިން ފުއާދު "ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމަށް އެހީތެރިވުމުގެ އިތުރުން، މުދައްރިސުންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ދެއްވި އެހީތެރިކަމެއް ކަމަށެވެ.

ފުއާދު އިތުރަށް ވިދާޅުވީ، ސްކޫލުން އެދޭ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކޮށްދިނުމަށް ކައުންސިލުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.

މީގެއިތުރުން، މި ޤައުމުގެ ކުރިމަގު ބައްޓަން ކުރެއްވުމަށްޓަކައި ލޮބުވެތި މުދައްރިސުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ކައުންސިލުން އަބަދުވެސް ބަލައިގަންނަ ކަމަށް ވެސް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

ރަށުގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި ކައުންސިލްގެ އެހީތެރިކަން އަބަދުވެސް ލިބެމުންދާނެ ކަމުގެ ޔަޤީންކަން ވެސް ފުއާދު ވަނީ ދެއްވާފައެވެ.