ޓްރެފިކް ބާރުބޮޑުވާ ވަގުތުތަކަށް ޚާއްސަކޮށްގެން ދަތުރުކުރާނެ ބަސްތަކާއި، ސްކޫލް ކުދިންނަށް ޚާއްސަ "ސްކޫލް ފްރެންޑްލީ" ބަސްތަކެއް ތަޢާރަފްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ، ވުޒާރާތަކުން ހިންގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ "އަހާ" ފޯރަމްގެ އަށްވަނަ ބައްދަލުވުމުގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.
މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ރާވާފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވަމުން މިރޭގެ ފޯރަމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މާލޭގެ މަގުތަކުގެ 82 އިންސައްތަ މިހާރު އޮތީ އުޅަނދުފަހަރުން ތޮއްޖެހި ފުރިފައި ކަމަށެވެ. އެގޮތުން މިހާތަނަށް މާލެ ސަރަހައްދުގައި 130،806 ވެހިކަލް ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 14،911 ކާރާއި 115،895 ސައިކަލު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މާލެއަކީ އިތުރަށް ބިން ބޮޑުކުރެވެން ނެތް ތަނަކަށް ވުމާއެކު، ސަރުކާރުގެ މައިގަނޑު އަމާޒަކީ މާލެއަކީ ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލް ކުރެވިފައިވާ ޒޯނަކަށް ބަދަލުކުރުން ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި އަމިއްލަ ވެހިކަލް މަދުކޮށް، އާންމު ދަތުރުފަތުރުގެ ނިޒާމު ނުވަތަ މާސް ޓްރާންސްޕޯޓަށް ބަރޯސާވާ މިންވަރު އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ވިދާޅުވިއެވެ. މި މަސައްކަތްތައް ހަރުދަނާކޮށް ހިންގުމުގެ ގޮތުން ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ހާއްސަ މިނިވަން އޮފީހެއް ޤާއިމްކޮށް، މިހާރު އަމަލީ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދަތުރުފަތުރާބެހޭ ވަޒީރު ވިދާޅުވި ގޮތުގައި، ޓްރެފިކް ބާރުބޮޑުވާ ވަގުތުތަކަށް އަމާޒުކޮށްގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން މާލޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާނެ ހާއްސަ ބަސްތަކެއް ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން އޮފީސްތަކަށާއި އެކި ބޭނުންތަކުގައި ދަތުރުކުރާ މީހުންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ޕްލޭނާ ގުޅޭގޮތުން ވަޒީރު ސަޢީދު ވިދާޅުވީ، "ފޭސް 2 އަދި ފޭސް 1އިން އެކި ބޭނުންތަކަށް މާލެއަށް އަންނަ މީހުންނަށާއި، އަދި މާލެއިން އެކި ބޭނުންތަކަށް ''ރަޝް އަވާސް''ތަކުގައި ހުޅުމާލެއަށް ދާ މީހުންނަށް މި ޕްލޭންގެ ތެރޭގައި ބަސްތައް ތަޢާރަފްކުރުން ހިމެނޭނެކަމަށެވެ.
''މި ޕްލޭންގެ ދަށުން ފޭސް 2އިން ވެލަނާގެ ސަރަހައްދަށް އަދި ގްރީން ޒޯންތަކަށް ވަކި ގަޑިތަކެއްގައި ދަތުރުކުރާ ބަސްތަކެއް ތައާރަފްކޮށް އަދި އަޅުގަނޑުމެން މި ގަސްތުކުރަނީ ސްކޫލްތަކަށް ދަތުރުކުރާ ސްކޫލް ފްރެންޑްލީ ބަސްތަކެއް ތަޢާރަފްކުރުމަށްވެސް." ސައީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!