ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ، ށ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެ ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރެވިފައިވާ ޚިދުމަތްތައް ބައްލަވާލައްވައިފިއެވެ.
މި ދަތުރުފުޅަކީ ށަވިޔަނި އަތޮޅުގެ ޞިއްޙީ ޚިދުމަތް އިތުރަށް ތަރައްޤީކޮށް، އައު ޚިދުމަތްތައް ތަޢާރަފުކުރުމުގެ މަޤްޞަދުގައި ކުރައްވާ ދަތުރުފުޅެކެވެ.
ށ. އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޒިޔާރަތުގައި ހޮސްޕިޓަލުގެ މުވައްޒަފުންނާއި އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގެ އަތޮޅު ހޮސްޕިޓަލުތަކުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ތަޢާރަފްކުރުމާ ގުޅޭގޮތުން މިނިސްޓަރު ވާހަކަފުޅު ދައްކަވާފައިވެއެވެ.
މީގެއިތުރުން، އެ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް މިނިސްޓަރު ވަނީ ބައްލަވާލައްވާފައިވާކަމަށް ވެސް ހޮސްޕިޓަލުން ހާމަކުރެއްވިއެވެ.
މިނިސްޓްރީގެ ވަފުދު އިއްޔެގެ ވަގުތެއްގައި ށ. މަރޮށި ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، އެ ރަށުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައިވެއެވެ. މީގެއިތުރުން، އެ އަތޮޅު، ޅައިމަގުގައި ލެބޯޓްރީގެ ޚިދުމަތް ވެސް މިހާރު ވަނީ ޤާއިމު ކުރެވިފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ފުނަދޫގެ އިތުރުން އެ އަތޮޅު ނަރުދޫ، ފީވަކު އަދި ނޫމަރާއަށް ވެސް މިއަދު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅު އެއްކޮށް ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީ ސިޓީއަށް ކުރައްވާ ޒިޔާރަތަށް ފަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!