އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަސް ވަނަ ކޮންގްރެސް މިރޭ ފަށައިފިއެވެ.

މާލެ ސިޓީ ހޯލުގައި މިރޭ މި ކޮންގްރެސް ފަށާފައިވާއިރު، އެމްޑީޕީގެ ލީޑާޝިޕާއި، ކައުންސިލަރުންނާއި ގައުމީ މަޖިލީހާއި ގޮފިތަކުގެ ރައީސުންގެ އިތުރުން ބޭރުގެ ބައެއް ޤައުމުތަކުގެ ޢިއްޒަތްތެރިން ވެސް ދަނީ ބައިވެރިވަމުންނެވެ.

Ad
rt

ކޮންގްރެެސްގެ ދެ ވަނަ ދުވަސް ކަމަށްވާ ހުކުރު ދުވަހު އިންވެސްޓްމަންޓް ފޯރަމެއް ކުރިއަށްގެންދަން ނިންމާފައިވާއިރު، ހޮނިހިރު ދުވަހު ކޮންގްރެސްގެ ރިޕޯޓު ހުށަހެޅުމާއި އެމްޑީޕީގެ އެޕްލިކޭޝަން ލޯންޗުކުރުން ކުރިއަށްގެންވަނީ ތާވަލުކޮށްފައެވެ.

އެމްޑީޕީގެ ކޮންގްރެސްގެ ބޮޑުބައި ތާވަލުކޮށްފައި އޮތީ ހޮނިހިރަށެވެ. މިގޮތުން ޕާޓީގެ އަސާސީ ޤަވާއިދަށް އިސްލާހު ގެނައުމާއި، ބޮޑު ބަދަލު ގަރާރު ހުށަހަޅައި، އެ ގަރާރަށް ބަހުސް ކުރުމާއި، ލާމަރުކަޒީ ގަރާރު ހުށަހެޅުމާއި އަދި އެ ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހެޅުނު އިސްލާހުތަކަށް ވޯޓަށް އެހުން ވެސް އޮންނީ ހޮނިހިރު ދުވަހުއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާ އެންމެ މުހިންމު އިސްލާހެއްގެގޮތުގައި އެ ޕާޓީގެ އެންމެ އިސް މަގާމަކީ ޗެއަރޕާސަން ކަމަށް ކަނޑައަޅައި، އެ ޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަގާމު އުވާލުމަށް ހުށަހަޅާނެކަމަށް މައުލޫމާތު ލިބެއެވެ.

އެމްޑީޕީގެ މިހާރުގެ ޗެއާޕާސަނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.