ހއ. ދިއްދޫ ކައުންސިލުން އިންތިޒާމުކޮށްގެން ދޮށީ އުމުރުފުރާތަކުގެ ފިރިހެނުންނަށް ޚާއްޞަކޮށްގެން ބާއްވާ "ހއ. ދިއްދޫ ވެޓަރަންސް ފުޓްބޯޅަ މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ދިއްދޫގައި ރަޖިސްޓްރީކޮށް، ހިންގަމުންދާ ކްލަބް ޖަމްޢިއްޔާތަކާއި ދިއްދޫގެ ހަރު އުމުރުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި، ކުޅިވަރުގެ ރޫޙު އާލަކޮށް ދެމެހެއްޓުމުގެ މައިގަނޑު މަޤްޞަދުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެންޕަވަރމަންޓުގައި ރަޖިސްޓްރީކޮށްފައިވާ ދިއްދޫގެ ކްލަބް ޖަމްޢިއްޔާތަކުން ބައިވެރިވާ ޓީމްތަކަށްކަމުގައި އެ ކައުންސިލުން މައުލޫމާތު ދެއްވައެވެ.
މީގެއިތުރުން އެ ކައުންސިލުން ހާމަކުރައްވާ ގޮތުގައި 25 އޮކްޓޫބަރ 2026ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޗެމްޕިއަންޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި މުބާރާތުގެ ރަނަރއަޕްޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން ފެއަރޕްލޭ ޓީމަށް 1،500 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ކަނޑައަޅައިފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޓީމު ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 13 އޮކްޓޯބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ. އަދި ކަނޑައެޅިފައިވާ ވަގުތަށްފަހު، ލޭޓް ސަބްމިޝަންގެ ގޮތުގައި 1500 ރުފިޔާގެ ފީއަކާއެކު ފޯމު ހުށަހެޅުމުގެ ފުރުސަތު 15 އޮކްޓޯބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަނީ ހަމަޖައްސާފައެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންގެ ލިސްޓު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 20 އޮކްޓޯބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ. އަދި ޓީމު ލިސްޓަށް އެއްވެސް ބަދަލެއް ގެންނަން ބޭނުންވާނަމަ، 500 ރުފިޔާގެ އިދާރީ ފީއެއް ދެއްކުމަށްފަހު 22 އޮކްޓޯބަރު 2026 ގެ ނިޔަލަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުތައް info@hadhidhoo.gov.mv މެދުވެރިކޮށް ހުށަހެޅޭނެ ކަމަށާއި، މުބާރާތުގެ ގަވާއިދާއި ޑިސިޕްލިނަރީ ކޯޑު އަދި ބައިވެރިވާން އެދޭ ފޯމުތައް ކައުންސިލްގެ އިޢުލާނާއެކު ހިމަނާފައިވާ ލިންކް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށްވެސް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!