އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ނަގުދު ފައިސާއިން ޑޮލަރު ނެގޭނެ އެންމެ މަތީ އަދަދަކީ 3،500 ޑޮލަރު ކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ކަނޑައަޅައިފިއެވެ.
ބީއެމްއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބަދަލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.
މި ބަދަލު ގެނައި ނަމަވެސް، ކާޑު ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް ނެގޭ 1،600 ޑޮލަރުގެ ލިމިޓަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.
ބީއެމްއެލުން ބުނި ގޮތުގައި، މި ނިންމުމަކީ ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޑިޖިޓަލް މާލީ ނިޒާމެއް ކުރިއެރުވުމަށް އެ ބޭންކުން ގެންގުޅޭ 'ޑިޖިޓަލް-ފަސްޓް' ސިޔާސަތުގެ ދަށުން ނިންމި ނިންމުމެކެވެ.
ނަގުދު ފައިސާ ބޭނުންކުރަން ނުޖެހި، ދުވަހުން ދުވަހަށް ބޭނުންވާ ބޭންކިން ހިދުމަތްތައް ފަސޭހަކަމާއެކު ހޯދޭނެ ޑިޖިޓަލް ވަސީލަތްތައް ގާއިމުކުރުމަށްޓަކައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން މޮބައިލް ބޭންކިން އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބިލްތަކަށް ފައިސާ ދެއްކުމާއި، ފައިސާ ޓްރާންސްފާކުރުމުގެ އިތުރުން އެކައުންޓްގެ މުއާމަލާތްތައް ބެލެހެއްޓޭނެކަން ބީއެމްއެލުން ފާހަގަކުރެއެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވިޔަފާރިތަކަށް ކާޑު މެދުވެރިކޮށް ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކުމާއި، ވަގުތުން ފައިސާ ފޮނުވުމުގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
އޭޓީއެމް މެދުވެރިކޮށް ޑޮލަރު ނެގުމުގެ ތާރީޚަށް ބަލާއިރު، 2020 ވަނަ އަހަރު ބީއެމްއެލް އިން ކަނޑައެޅީ މަހަކު 2،000 ޑޮލަރު ނެގޭ ގޮތަށެވެ. އަދި އޭގެ ފަހުން، 1 ފެބްރުއަރީ 2023 ގައި ނިންމާފައިވަނީ ދުވާލަކު 1،600 ޑޮލަރު ނެގޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!