ށ. ގޮއިދޫގައި "ހޭލުންތެރިކުރުމުގެ ޕްރޮގްރާމް" ގެ ނަމުގައި ޚާއްޞަ ސެޝަންތަކެއް ފަށަން ތައްޔާރުވެއްޖެއެވެ.
ގޮއިދޫ ކައުންސިލުން އިންތިޒާމުކޮށްގެން، 2026 އޮކްޓޫބަރު 1 އިން 3 އަށް ގޮއިދޫ ސްކޫލް ހޯލުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވާނީ ޕަބްލިކް ސްޕީކަރ އަދި ލައިފް ސްޓައިލް ކޯޗް މަރިޔަމް މުޙައްމަދެވެ.
މި ޕްރޮގްރާމްގެ ދަށުން އެކި ފަރާތްތަކަށް ޚާއްޞަކޮށްގެން ސެޝަންތަކެއް ކުރިއަށްދާނެކަމަށް އެ ކައުންސިލުން މައުލޫމާތު ދެއްވައެވެ.
އެ ގޮތުން:
އުމުރުން ދުވަސްވީ މީހުންގެ ސެޝަން: 01 އޮކްޓޫބަރު 2026 (ބުރާސްފަތި) ގެ ހަވީރު 16:15 އިން 17:45 އަށް
މުއައްސަސާތަކުގެ މުވައްޒަފުންގެ ސެޝަން: 01 އޮކްޓޫބަރު 2026 (ބުރާސްފަތި) ގެ ރޭގަނޑު 20:30 އިން 22:30 އަށް
ބެލެނިވެރިންގެ ސެޝަން: 02 އޮކްޓޫބަރު 2026 (ހުކުރު) ގެ ރޭގަނޑު 20:30 އިން 22:30 އަށް
ސްކޫލް ދަރިވަރުންގެ ސެޝަން (ގްރޭޑް 5 އިން 9 އަށް): 03 އޮކްޓޫބަރު 2026 (ހޮނިހިރު) ގެ ހެނދުނު 09:00 އިން 10:30 އަށް.
ގޮއިދޫ ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި، ރަށުގެ ރައްޔިތުން ޝާމިލްވާ ގޮތަށް ރާވާފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ހުރިހާ ދާއިރާތަކަކަށް ވެސް މުހިންމު މަޢުލޫމާތުތަކެއް ހިމަނައިގެން، މުޖުތަމަޢުގެ އެކި އުމުރުފުރާތަކަށާއި އެކި ދާއިރާތަކަށް ޚާއްޞަކޮށްގެންނެވެ.
އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މުނާސަބާތުގައި އިސްރަށްވެހިންނަށް މީހުންނަށް ޚާއްޞަކޮށް ކުރިއަށް ގެންދާ ސެޝަނުގައި އަލިއަޅުވާލަނީ، އެފަރާތްތަކުގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ރިޓަޔަރވުމަށްފަހުވެސް ލުއި މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅުމަށާއި، މުޖުތަމަޢު ބިނާކޮށް ރަށުގެ މުސްތަޤުބަލް އުޖާލާކުރުމުގައި އެބޭފުޅުންގެ އަގުހުރި ތަޖުރިބާގެ އަލީގައި މަގުދައްކައިދޭ ބައެއްގެ ގޮތުގައި ދެމިތިބުމަށެވެ.
މީގެއިތުރުން، ދަރިންނާއި ޢާއިލާއަށް ޒިޔާރަތްކޮށް އެކުގައި ވަގުތު ހޭދަކޮށްގެން ޢާއިލީ ގުޅުންތައް ބަދަހިކޮށް ދެމެހެއްޓުމުގެ މުހިންމުކަންވެސް މި ސެޝަންތަކުގައި ފާހަގަކުރާނެއެވެ.
ދަރިވަރުންނަށް ޚާއްޞަކޮށް ކުރިއަށް ގެންދާ ސެޝަނުގައި ތަޢުލީމުގެ މުހިންމުކަމާއި، މިއަދު ކިޔެވުމަށް ބުރަކޮށް މަސައްކަތްކޮށްގެން މެނުވީ މުސްތަޤުބަލް އުޖާލާނުވާނެ ކަމާއި، ކިޔެވުމަށް ފަރުވާކުޑަކޮށްފިނަމަ ކުރިމަތިވާނެ ގޮންޖެހުންތަކުގެ މައްޗަށް މައުލޫމާތު ދެއްވާނެއެވެ.
މީގެއިތުރުން، މާދަމާ މުޖުތަމަޢުގެ އިސް މަޤާމުތަކާއި ޒިންމާތަކާ ޙަވާލުވާން ތިބީ އެކުދިންކަން ހަނދާންކޮށްދީ، މައިންބަފައިންގެ އުންމީދުތައް ޙާޞިލުކުރުމަށާއި، ކިޔެވުމުގެ މާޙައުލުގައި ރިވެތި އަދަބު އަޚްލާޤު ދަމަހައްޓައިގެން ކުރިއަށްދިއުމަށް ހިތްވަރުދޭނެއެވެ.
ބެލެނިވެރިންނަށް އަމާޒުކުރާ މި ސެޝަންގައި ބަލައިލާނީ، މުޖުތަމަޢުގައި އަށަގަނެފައިވާ ނޭދެވޭ އާދަތައް ދޫކޮށްލައި، ކަންކަމުގައި އިސްނަގައި ބައިވެރިވުމާއި ޕޮޒިޓިވް ވިސްނުމެއް ގެންގުޅުމުގެ މުހިންމުކަމަށެވެ.
މީގެއިތުރުން، ޒަމާނީ ދިރިއުޅުމުގައި ވަގުތު މެނޭޖްކޮށް ދިރިއުޅުމުގެ ވައްޓަފާޅި ހަމަހަމަކޮށް ބެހެއްޓުމާއި، މުޖުތަމަޢު ބިނާކުރުމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމުގެ މައްޗަށް ބާރުއަޅާނެއެވެ. އަދި ދަރިން ތަރުބިއްޔަތުކުރުމުގައާއި، ރަނގަޅު ގޮތްތައް ނިންމައިދީ ކާމިޔާބު ކުދިބަޔަކަށް އެކުދިން ހެދުމުގައި މައިންބަފައިންނާއި ބެލެނިވެރިން އަދާކުރަންޖެހޭ މުހިންމު ދައުރަށްވެސް މި ސެޝަންގައި އަލިއަޅުވާލާނެއެވެ.
މުއައްސަސާތަކުގެ މުވައްޒަފުންނަށް ޚާއްޞަ ސެޝަންތަކުގައި މަސައްކަތުގެ މާޙައުލުގައި ދިމާވާ ޢާންމު މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށާއި މުވާޞަލާތުކުރުން، ހަރުދަނާކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލާނެއެވެ. މީގެއިތުރުން، ވަގުތު މެނޭޖްކުރުމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުކޮށް ކަންކަމާ ކެރިގެން ކުރިމަތިލުމުގެ ހުނަރުތަކާއި، މަސައްކަތުގެ އުފެއްދުންތެރިކަމާއި ނަތީޖާ ރަނގަޅުކުރާނެ ޢަމަލީ އުކުޅުތަކަށް މި ސެޝަންގައި ބާރުއަޅާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!