ހއ. ބާރަށު ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ބަޔަކާ ހަވާލުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ބާރަށު ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބާރަށު ޒުވާނުންގެ މަރުކަޒު ނިންމުމުގެ މަސައްކަތް އިއްޔެ ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ނިންމައި، ރަށުގެ ޒުވާނުންނަށް މަރުކަޒުގެ ބޭނުން ހިފޭވަރު ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަސައްކަތް ހަވާލުކުރެވުނު ކުންފުނިން އަންނަ ހަފްތާގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް ޝުޖާޢު ވިދާޅުވިއެވެ. މީގެއިތުރުން، އަލަށް ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ޒުވާނުންގެ މަރުކަޒުގައި ގާއިމުކުރާ އިންޑޯ ޖިމަށް ބޭނުންވާ އިކްއިޕްމަންޓްތައް ހޯދުންވެސް ވަނީ ހިމަނައިދެއްވާފައެވެ.
ބާރަށު ޒުވާނުންގެ ކުޅިވަރާއި ހަށިހެޔޮކަމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮށްދެއްވާ މަސައްކަތްޕުޅަށް މެމްބަރު ޝުޖާޢު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ބާރަށު ޒުވާނުންގެ މަރުކަޒު ނިންމުމުގެ މަސައްކަތާއިގުޅިގެން އެ މަސައްކަތް ހަވާލުކުރި ކުންފުންޏާއި، އިތުރު ތަފްސީލް ޔޫތު މިނިސްޓްރީން އަދި އާންމެއް ނުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!