ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ސްމަގަލްކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ނޭޕާލްގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ ނިއްކަ ތަމަންގް (47އ) އާއި، އީތްރާނީ ގަލެ (40އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުން ރާއްޖެއަށް އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

Ad
rt

މި ދެ މީހުން ރާއްޖެއަށް އައުމުން، ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްގެން އުޅޭ ކަމަށް ތުހުމަތުކުރެވިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވަނީ އެ މީހުން ފުލުހުންނާ ހަވާލުކޮށްފައެވެ. ކަސްޓަމްސްއިން އެ މީހުން ފުލުހުންނާ ހަވާލުކުރުމުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން އެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

މި ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، އެ މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އަޅާފައިވާ 142 ބުލެޓް ފެނިފައިވެއެވެ. އަތުލައިގަނެވުނު މި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.5 ކިލޯއަށްވުރެ ގިނަ ހުރި ކަމަށް ވަނީ އެނގިފައެވެ.

މަސްތުވާތަކެތީގެ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، އެ ދެ މީހުން 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.