ރަސްމާލޭގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ މެގާ މަޝްރޫޢެއް ހިންގަން ލިބުމަކީ ކުންފުންޏަށް ލިބުނު ފަޚުރެއް ކަމަށާއި، އެ މަޝްރޫއު ކުރިއަށްދާނީ ދިވެހިންގެ އުއްމީދުތަކާ އެއްގޮތަށް ކަމަށް ޔޫއޭއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއު ނިމުމުން ރަސްމާލެ އޮންނާނެ ގޮތް ތަސައްވުރުކޮށް، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތައްޔާރުކޮށްފައިވާ ވީޑިއޯއަކާއެކު މީސް މީޑިއާގައި އާންމުކުރެއްވި މެސެޖެއްގައެވެ.

Ad
rt

ދިވެހިރާއްޖޭގެ ސަރުކާރާއި، އީމާރް ޕްރޮޕަޓީޒްގެ ބާނީ އަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން އަލައްބާރު ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 12 ބިލިއަން އާއި 20 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއް އެކުލެވޭ، ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ބޮޑު ބަދަލެއް ގެނުވާނެ ތާރީޚީ މަޝްރޫއެކެވެ. މާލެއާ ގާތްގަނޑަކަށް 20 މިނެޓުގެ ދުރުމިނުގައި އޮންނަ ރަސްމާލެ (ފުށިދިއްގަރު ފަޅު) ގައި މި މަޝްރޫއުގެ ވަސީލަތްތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އެ ސަރަހައްދުން ހިއްކާފައިވާ ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިމުގައެވެ.

މި މަޝްރޫއަކީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ "ވަން އައިލެންޑް، ވަން ރިސޯޓް" މޮޑެލްގެ ބަދަލުގައި، ވަރަށް ފުޅާ ދާއިރާއެއްގައި ތަރައްގީކުރެވޭ އިންޓެގްރޭޓެޑް މަންޒިލެކެވެ. އެގޮތުން މެގާ ޔޮޓް މެރީނާއަކާއި، ވޯޓަރފްރަންޓް ޕްރޮމެނާޑްތަކުގެ އިތުރުން، ބްރޭންޑެޑް އަދި ލަގްޒަރީ ރެސިޑެންސްތަކާއި، ވިޔަފާރިއާއި، ކެއިންބުއިމާއި، މުނިފޫހިފިލުވުމުގެ ވަސީލަތްތައް އެކުލެވިގެންވެއެވެ. މީގެ އިތުރުން ސިއްހީ، ތައުލީމީ އަދި ވެލްނެސް ހަބް ތައްވެސް މި ސަރަހައްދުގައި ގާއިމުކުރުމަށް ވަނީ ރޭވިފައެވެ.

ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ރިއަލް އެސްޓޭޓް މިލްކިއްޔާތުތައް 99 އަހަރާ ހަމައަށް ދިގު މުއްދަތުގެ ލީސްހޯލްޑް އުސޫލުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ކަމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ "ލައިފްސްޓައިލް ބްރޭންޑް" މާކެޓްކޮށް، ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް މެދުވެރިކޮށް، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ރިއަލް އެސްޓޭޓް ދާއިރާއަކީ ދާއިމީ ގޮތެއްގައި އިގްތިސާދުގެ މައި ތަނބަކަށް ހެދުމެވެ.

މި މަޝްރޫއުގެ ސަބަބުން އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އެގޮތުން ސީދާ އަދި ނުސީދާ ގޮތުން އެތައް ހާސް ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެންދާނެ ކަމަށާއި، އަހަރަކު އިތުރު 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވެއެވެ. އަދި އާންމުންގެ ބޯހިޔާވަހިކަމުގެ ބޭނުންތަކަށް އެހީތެރިވުމުގެ ގޮތުން، އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް ތަރައްގީކޮށްދިނުމަށްވެސް ވަނީ ނިންމައިފައެވެ.

މި ބިޔަ މަޝްރޫއު ކުރިއަށްދާނީ ދައުލަތުގެ ސޮވަރިން ދަރަނި އިތުރުނުވާ (ނޮން-ސޮވަރިން ޑެބްޓް) މޮޑެލްގެ ދަށުންނެވެ. މި މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ޑިވެލޮޕަރުގެ އީކުއިޓީއާއި، އަމިއްލަ ފަރާތްތަކުގެ ކޯ-އިންވެސްޓްމަންޓާއި، ދަރަނި ފައިނޭންސިންގެ އިތުރުން ޕްރޮޕަޓީތައް ޕްރީ-ސޭލްސްގެ ގޮތުގައި ވިއްކައިގެން ލިބޭ ފައިސާއިންނެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ މިންގަނޑުތަކަށް ބަލާއިރު، މި މަޝްރޫއު ކުރިއަށްދާނީ ޑިވެލޮޕަރު އިތުރު ފަޅުތައް ނުހިއްކައި، މިހާރުވެސް ހިއްކާފައިވާ ބިން ބޭނުންކޮށްގެންނެވެ. އަދި މޫސުމީ ބަދަލުތަކަށް ގޮންޖަހާލެވޭފަދަ އުމްރާނީ ވަސީލަތްތަކާއެކު، އަމިއްލަ ފަރާތްތަކުން ކަނޑުގެ މާހައުލު މޮނިޓަރކުރުމުގެ ނިޒާމުތަކާއި، މުރަކަ އާލާކުރާ ނާސަރީތަކުގެ އިތުރުން، އެ އަވަށުގައި ކާރު ފަދަ އުޅަންދާ ނުދުއްވޭ "ކާރު-ފްރީ" ސަރަހައްދުތައް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ.