މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުޙައްމަދުގެ އަނބިކަނބަލުން،ޑރ. ސިޓި ޙަސްމާ މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

އުމުރުފުޅުން 100 އަހަރުގައި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ އަނބިކަނބަލުން ޑރ. ހަސްމާ އަވަހާރަވީ އެ ގައުމުގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ނެޝަނަލް ހާޓް އިންސްޓިޓިއުޓްގައި އެނދުމަތިކޮށްގެން ފަރުވާދެމުން ދަނިކޮށް މިއަދުއެވެ.

Ad
rt

އެކަމަނާ އަވަހާރަވުމުގެ ހިތާމާގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް މުޢިއްޒު ފޮނުއްވި މި މެސެޖުގައި، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރަށާއި އެމަނިކުފާނުގެ ޢާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ ވަނީ އަރިސްކުރައްވާފައެވެ.

ރައީސްގެ މެސެޖުގައި ޑރ. ސިޓި ޙަސްމާގެ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، އެކަމަނާއަކީ މެލޭޝިއާގައި އުފެދުނު އެންމެ ފުރަތަމަ އަންހެން ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި އެކަމަނާއަކީ މައިންގެ ޞިއްޙަތާއި، ރަށްފުށު ހިސާބުގައި ދިރިއުޅޭ އަންހެނުންގެ ތަރައްޤީއަށް ގުނައިނުުކުރެވޭފަދަ މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރުގެ އަނބިކަނބަލުން ޑރ. ސިތީ ހަސްމާ އަވަހާރަވެއްޖެ

އޭގެ އިތުރުން، މި ހިތާމަވެރި ދަނޑިވަޅުގައި އެކަމަނާގެ މަތިން ޒިކުރާކުރެވިގެންދާނީ އެންމެހާ ފަރާތްތަކުގެ ޝުކުރުވެރިކަމާއި ޤަދަރުވެރިކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށާއި، ޢާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމަށް އެކަމަނާގެ އިސްނެންގެވުމާއެކު ހިންގުނު ކާމިޔާބު މަޝްރޫޢުތަކަކީވެސް އެކަމަނާގެ ޚިދުމަތްތެރިކަން ދައްކުވައިދޭ ކަންކަން ކަމުގައި ރައީސްގެ މެސެޖުގައި ބަޔާންކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެފަދަ މަޝްރޫޢުތަކުން މުޖުތަމަޢަށް އެކަމަނާ ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކާއި، އަންނަން އޮތް ޖީލުތައް ބާރުވެރިކުރުމުގައި އަދާކުރައްވާފައިވާ މުހިންމު ދައުރު ސާފުކޮށް ފެނިގެންދާ ކަމަށެވެ. އެހެންކަމުން އެކަމަނާގެ ޚިދުމަތްތަކުގެ ހަނދާންތަކުން މަރުޙޫމްގެ ޢާއިލާއަށް ހިތްވަރާއި ތަސައްލީ ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، މަރުޙޫމްގެ ހަޔާތާއި، ޚިދުމަތާއި، އުޞޫލުތަކުގެ ޒިކުރާއިން ހިތްވަރާއި ތަސައްލީ ލިބި، މި ހިތާމައިގައި ބައިވެރިވާ މެލޭޝިއާގެ އެންމެހާ ރައްޔިތުންނަށާއި އެންމެހާ ފަރާތްތަކަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

އާންމުންގެ މެދުގައި "އިބޫ ނެގާރާ" ނުވަތަ "ގައުމުގެ މަންމަ"ގެ ނަމުން ލޯތްބާއެކު ނަންދެވިފައިވާ ޑރ. ސިތީ ހަސްމާއަކީ އަންހެނުން ބާރުވެރިކުރުމަށާއި، ރަށްފުށުގެ ސިއްހީ ހިދުމަތް ތަރައްގީކުރުމަށާއި، ކުޑަކުދިންގެ ރައްކާތެރިކަމަށް އަދި ނިކަމެތިންނަށް އެހީތެރިވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި ޑރ. ސިތީ ހަސްމާއަކީ މެލޭޝިޔާގެ ފުރަތަމަ މެލޭ އަންހެން މެޑިކަލް ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެކަމަނާ ސިންގަޕޫރުގެ ކިންގް އެޑްވާޑް ސެވެން ކޮލެޖް އޮފް މެޑިސިންއިން ތައުލީމު ހާސިލުކުރައްވައި ދަސްވެނިވެވަޑައިގަތީ 1955 ވަނަ އަހަރުއެވެ. މަހާތީރު މުހައްމަދާ އެކަމަނާ ބައްދަލުވެވަޑައިގަތީވެސް އެ ކޮލެޖުން ތައުލީމު ހާސިލުކުރެއްވި ދުވަސްވަރުއެވެ. އެއަށްފަހު ދެބޭފުޅުން ކާވެނިބައްލަވައިގެންނެވީ 1956 ވަނަ އަހަރުއެވެ.

އޭގެ ފަހުން 1974 ވަނަ އަހަރު، ކެޑާ މާބަނޑު މައިންނާއި ކުޑަކުދިންގެ ސިއްހަތާ ބެހޭ އެންމެ އިސް ފުރަތަމަ އަންހެން ސްޓޭޓް މެޑިކަލް އޮފިސަރުގެ މަގާމު އެކަމަނާ ފުރައްވިއެވެ. ސިއްހީ ދާއިރާގެ އިތުރުން، މެލޭޝިޔާގެ ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ އިސް އެހީތެރިޔާ ނުވަތަ ޕެޓްރަންގެ ގޮތުގައިވެސް އެކަމަނާ ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވިއެވެ. މީގެ ތެރޭގައި 1992 ވަނަ އަހަރު މެލޭޝިޔާއިން ތޯމަސް ކަޕް ކާމިޔާބުކުރި ތާރީހީ ދަނޑިވަޅުވެސް ހިމެނެއެވެ.