ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ "ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026" ގެ ނޯތު ޒޯން 1 ގެ މެޗުތަކުން، ހދ. ނައިވައިދޫއާއި ށ. ކަނޑިތީމު ކުރި ހޯދައިފިއެވެ.
ނައިވައިދޫގައި ކުރިއަށް ދާ މި މުބާރާތް ފެށުމުގެ ގޮތުން، އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ހއ. ފިއްލަދޫގެ މައްޗަށް ނައިވައިދޫ ކުރި ހޯދީ 8-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޙާޞިލްކޮށްފައިވަނީ ނައިވައިދޫގެ މުޙައްމަދު ޝާއިނެވެ.
ފިއްލަދޫއަށް ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑު ޖަހައިދީފައިވަނީ އެ ޓީމުގެ ޢަބްދުﷲ އިޚްވާނެވެ. ނައިވައިދޫގެ ލަނޑުތައް ކާމިޔާބުކޮށްފައިވަނީ، މުޙައްމަދު ޝާއިން، އަޙްމަދު ޙަމީދު، ޢަލީ ހުސާމް، މުޙައްމަދު ނިހާދުގެ އިތުރުން ޢަބްދުﷲ ވިސާމާއި ޔާނިޔު މުޙައްމަދު ފާއިޒެވެ.
ށ.އަތޮޅުން މި މުބާރާތުގައި ބައިވެރިވީ ކަނޑިތީމު އެކަނިކަމުން އެ ޓީމު ޒޯނަށް އައީ އަތޮޅު ޗެމްޕިއަންގެ ގޮތުގައި މެޗެއް ކުޅުން ނުޖެހިއެވެ. އެހެންވެ، އިއްޔެގެ މެޗަކީ ކަނޑިތީމު މި މުބާރާތުގެ ފުރަތަމަ ފެނިލުމެވެ. ހަނިމާދޫ އަކީ މި މުބާރާތުގެ ހދ.އަތޮޅު ޗެމްޕިއަނެވެ.
މީގެއިތުރުން މި މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ، ހދ. ހަނިމާދޫ އާއި ށ. ކަނޑިތީމެވެ. 6-2ގެ ނަތީޖާއިން މި މެޗު ކާމިޔާބު ކުރީ ކަނޑިތީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ އެ ޓީމަށް 3 ލަނޑުޖަހައި ހެޓްރިކް ފުރިހަމަކޮށްފައިވާ ހުސައިން ނިހާލެވެ. މީގެއިތުރުން އިބްރާހީމް ނަދާދްގެ އިތުރުން ރައުލް ނިޔާޒް ވެސް ކަނޑިތީމު ކޮޅަށް ލަނޑު ޖަހައިދީފައިވެއެވެ.
ހަނިމާދޫއަށް ކާމިޔާބުކޮށްދިން ދެ ލަނޑު ވެސް ޖަހައިދީފައިވަނީ އެ ޓީމުގެ ނޫރުﷲ ޠާހާއެވެ.
މިއަދު ހަވީރު 16:45ގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ 3 ވަނަ މެޗުގައި ބައްދަލު ކުރާނީ ހަނިމާދޫއާއި ހއ. އިހަވަންދޫއެވެ. އަދި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ 4 ވަނަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ފިއްލަދޫއާއި ކަނޑިތީމެވެ.
މި މުބާރާތުގެ ޒޯން 1ގެ އެންމެ ފަހު މެޗު އޮންނާނީ 2026 އޮކްޓޯބަރ 7 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!