އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފުތާގެ ޙަރަކާތްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމަށްފަހު، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ އަޑު އުފުއްލަވާފައެވެ.

Ad
rt

މި ސަމިޓުގެ ތެރެއިން ނައިބު ރައީސް ވަނީ، ދިވެހިރާއްޖެއިން ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭ ކަންކަމުގެ ތަފްޞީލު ބައިނަލްއަޤްވާމީ މުޖުތަމަޢަށް ހާމަކުރައްވާފައެވެ. އެގޮތުން އިންސާފުވެރި ވެރިކަމުގެ ނިޒާމެއް ޤާއިމުކުރުމަށާއި، މޫސުމީ ވިލުންތެރިކަން އިތުރުކުރުމުގެ އިތުރުން، ކުދި ޖަޒީރާ ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

އދ. ގެ ޢާންމު ބަހުސްގައި ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވަމުން ނައިބު ރައީސް ވިދާޅުވީ، ކޮންމެ ޤައުމަކަށްވެސް އެ ޤައުމެއްގެ އަމިއްލަ މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު ލިބިގެންވާ ކަމަށެވެ. އަދި ކުދި ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިއީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ ސީދާ ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، 1967 ގެ ކުރީގެ ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ނައިބު ރައީސް ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތު ކުރެއްވިއެވެ. އަދި އދ. ގެ ނިޒާމަށް ފުރިހަމަ އިޞްލާޙީ ބަދަލުތަކެއް ގެނައުމަށް ގޮވާލައްވަމުން، އދ. ގެ ސަލާމަތީ މަޖިލީހުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދައުރުވާ ގޮނޑިއެއް ކަނޑައެޅުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުއްވާލައްވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން ބޭއްވި މަތީ ފަންތީގެ ޕްލެނަރީ ބައްދަލުވުމުގައިވެސް ނައިބު ރައީސް ވަނީ ތަޤުރީރު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލި ރަށްތައް ގިރަމުންދާ ދިއުމަށް ރާއްޖެއިން ދޭ ޖަވާބަކީ، ފަހަތަށް ޖެހުމެއް ނެތި ވިލުންތެރިކަން އިސްކުރުން ކަމުގައެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ހިލޭ އެހީ، ފުޅާ ދާއިރާއެއްގައި އަވަހަށް ލިބިދިނުމަށް އިލްތިމާސް ކުރައްވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ޤާނޫނީ ގޮތުން ބަލައިގެންފައިވާ ކަނޑުގެ ސަރަޙައްދީ އިންތައް އުނިވާންޖެހޭނެ، ނުވަތަ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އުފެދިފައިވާ ދައުލަތެއް ނެތިގެން ދާންޖެހޭ ސަބަބެއް ނޫން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާން އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވަވާފައެވެ. އަދި ޗައިނާއިން އިންތިޒާމުކުރި ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގައިވެސް އެމަނިކުފާނު ތަޤުރީރު ކުރެއްވިއެވެ. މި ބައްދަލުވުންތަކުގެ ޒަރީޢާއިން، ޚާރިޖީ ގޮތުންނާއި ތަރައްޤީގެ ދާއިރާއިން ދިވެހިރާއްޖެއިން އިސްކަންދޭ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކާމިޔާބުކަމާއެކު ބައިނަލްއަޤްވާމީ މައިދާނުގައި ހާމަކުރައްވާފައެވެ.