އިންސާނާގެ ކާމިޔާބީގެ ދަތުރު ފެށެނީ އެ މީހެއްގެ އެތެރެފުށް އިޞްލާޙުކޮށްގެން ކަމަށާއި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ އަސާސަކީ ޞައްޙަ ޢަޤީދާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މައުޟޫއަށެވެ.
ޚުޠުބާގައި ބުނި ގޮތުގައި، މާތް ﷲ އަޅަކަށް ދެއްވާނޭ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި ޞައްޙަ ޢަޤީދާއަކީ މުސްލިމެއްގެ ހުރިހައި ޢިބާދާތާއި، ހެޔޮ ޢަމަލާއި، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ ބިންގާ ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. ޒަމާން ތަރައްޤީވެ، މާއްދީ ފަސޭހަތައް އިތުރުވެފައިވީ ނަމަވެސް، ނުތަނަވަސްކަމާއި، ހިތާމައާއި، އެކަނިވެރިކަމުގެ ބިރު އިންތިހާއަށް ބޮޑުވެފައިވާ އިރު، ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބެގެން ކަމަށް ޚުޠުބާގައި ބުންޏެވެ.
އިންސާނުންނަށް ތެދުމަގު ބޭނުންވި ކޮންމެ ހިނދަކު މާތް ﷲ ރަސޫލުންނާއި ނަބިއްޔުން ފޮނުއްވި ކަމަށާއި، އެ ބޭކަލުންގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތަކީ ﷲގެ އެއްކައުވަންތަކަމަށް ގޮވައިލެއްވުން ކަމަށް ޚުޠުބާގައި ބުންޏެވެ. އެ ބޭކަލުން ދުނިޔެވީ ތަނަވަސްކަމާއި ފާގަތިކަމަށް އިހުމާލުވެވަޑައިނުގެން، ޞައްޙަ ޢަޤީދާގެ ބިންގާ ވަރުގަދަކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވީ، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ އަސާސަކީ ޞައްޙަ ޢަޤީދާ ކަމުގައިވާތީ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ދުނިޔެމަތީގައި އެންމެ ބޮޑެތި އިމްތިޙާނުތަކާއި މުޞީބާތްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ރަސޫލުންނާއި ނަބިއްޔުންނަށް ކަން ފާހަގަކޮށް، ކީރިތި ރަސޫލާ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް އެތައް ދަތިތަކަކާއި އަނިޔާވެރިކަމާއި ފުރައްސާރައާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށް ޚުޠުބާގައި ބުންޏެވެ. އެކަލޭގެފާނު އެންމެ ލޯބިފުޅުވާ ބޭފުޅުން ވަކިވެދިއުމުގެ ހިތާމައާއި، ބަނޑުހައިހޫނުކަމާއި ފަޤީރުކަމުގެ ދަތިކަން ތަޙައްމަލު ކުރެއްވީ ކެތްތެރިކަމާއެކު ﷲގެ މިންވަރުފުޅަށް ރުހިވަޑައިގެން ހުންނަވައިގެން ކަމަށާއި، ﷲއީ ރައްބުކަމުގައްޔާއި، އިސްލާމްދީނަކީ ދީންކަމުގައްޔާއި، މުޙައްމަދުގެފާނަކީ ރަސޫލާކަމުގައި ރުހި ޤަބޫލުވެއްޖެ މީހާއަށް އީމާންކަމުގެ ފޮނިމީރުކަން ލިބިއްޖެ ކަމަށް ޙަދީޘްފުޅުގައިވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.
މީހުން ބޭރުފުށް ރީތިކޮށް ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް އެތެރެފުށުގެ ޙާލާމެދު ފިކުރު ނުކުރާ ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ. މައުޤިލު ބިން ޢުބައިދިއްލާ އަލްޖަޒަރީ ނަޤުލުކުރައްވާފައިވާ ސަލަފުއްޞާލިޙުންގެ ނަސޭހަތްޕުޅާ ޙަވާލާދީ ޚުޠުބާގައި ބުނީ، އެ މީހެއްގެ އެތެރެފުށް އިޞްލާޙުކޮށްފި މީހާގެ ބޭރުފުށް މާތް ﷲ އިޞްލާޙުކޮށްދެއްވާނެ ކަމަށެވެ. އަދި ﷲއާ ދެމެދުގައިވާ ގުޅުން އިޞްލާޙުކޮށްފި މީހާއަށް މީސްތަކުންނާ ދެމެދުގައިވާ ކަންތައްތައް ފުއްދަވައިދެއްވައި، އާޚިރަތަށް އިސްކަންދީފި މީހާގެ ދުނިޔޭގެ ކަންތައްތައް ﷲ ފުއްދަވައިދެއްވާނެ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ފޯނުގެ ބެޓެރި ހުސްވާން ކައިރިވުމުން ޗާޖުކުރުމަށް އަވަސްވެގަންނަ ފަދައިން، މާތް ﷲ ދެއްވާފައިވާ އެންމެ މަތިވެރި ނިޢުމަތް ކަމަށްވާ ޞައްޙަ ޢަޤީދާ ބީވެގެން ހިނގައިދާނެކަމާމެދު ވިސްނައިލުމަށް ޚުޠުބާގައި ގޮވާލިއެވެ. އިސްލާމީ އުންމަތުގައި ޖާހިލިއްޔަތުގެ ޙަޤީޤަތް ނޭނގޭ ޖީލެއް އުފެދުމުން އިސްލާމްދީނުގެ އުޞޫލުތައް ބޮޅަކަށްފަހު ބޮޅެއް ނެއްޓިގެންދާނެ ކަމަށް ދެވަނަ ޚަލީފާ ޢުމަރުގެފާނު ވިދާޅުވެފައިވާ ބަސްފުޅު ނަގަމުން، ޞައްޙަ ޢަޤީދާގެ ނިޢުމަތަކީ އަންނާންއޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ މަތިވެރި އަމާނާތެއް ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ.
ދުނިޔެވީ ޙަޔާތް ފާގަތިކުރުމަށާއި މުދަލާއި ދަރީންގެ މުސްތަޤުބަލަށް މަސައްކަތްކުރާ ފަދައިން، އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައި ހިތުގެ ޙާލަތު ރަނގަޅުކޮށް، ހަރުދަނާ ޢަޤީދާއެއްގެ ވެރިޔަކަށްވުމަށް މަސައްކަތްކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ޤިޔާމަތް ދުވަހަކީ މުދަލެއް ނުވަތަ ދަރިއެއްގެ މަންފާއެއް ނުކުރާނެ ދުވަސް ކަމަށާއި، އެ ދުވަހުން މަންފާކުރާނީ ސަލާމަތްވެގެންވާ ހިތަކައިގެން ﷲގެ ޙަޟުރަތަށް އައި މީހަކަށް އެކަނި ކަމަށް ކީރިތި ޤުރްއާނުގެ އާޔަތުގެ މާނައަށް އަލިއަޅުވައިލަމުން ޚުޠުބާގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!