ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން ސައިޓުގައި މިހާރު ކުރިއަށްދަނީ ލީން ކޮންކްރީޓް އެޅުމާއި، ސްޓްރިޕް ފޫޓިންގ ކޮންކްރީޓް މަސައްކަތްތަކުގެ އިތުރުން ޓައި ބީމް ރީއިންފޯސްމަންޓް އަދި ޝަޓަރިންގ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ހއ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 22 ނޮވެމްބަރު 2025 ގައެވެ. މި މަޝްރޫޢުގެ ދަށުން 4 ފަންގިފިލާ ހިމެނޭ ގޮތަށް 50 އެނދުގެ ޖާގައިގެ ހޮސްޕިޓަލެއް ޢިމާރާތް ކުރުމާއި، 1 ފަންގިފިލާގެ ސަރވިސް ބްލޮކެއް އެޅުމުގެ އިތުރުން ވަށާފާރު ރޭނުމުގެ މަސައްކަތް ހިމެނެއެވެ.

Ad
rt

ޖުމްލަ 185.57 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވާ ދިއްދޫއަކީ 4200 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އަދި ދުވާލަކު އެތައް ބަޔަކު ޞިއްޙީ ފަރުވާ ހޯދުމަށް ޒިޔާރަތްކުރާ ރަށެކެވެ.

ހޮސްޕިޓަލުގެ ޢިމާރާތް ބާވެ، ޚިދުމަތްތައް ފުޅާނުވެ އޮތުމަކީ ރައްޔިތުން އަބަދުވެސް ކުރަމުން އައި ޝަކުވާއަކަށް ވާއިރު، މި އައު މަޝްރޫޢާއެކު ރައްޔިތުންނަށް ޞިއްޙީ ފަރުވާ ހޯދުމުގައި ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް މި މަޝްރޫޢު ފެށުމާއި ގުޅިގެން އެއިރު ސަރުކާރުން ބުނެފަވެއެވެ.