އަންނަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ދަނޑުވެރިންގެ ބާޒާރުގައި ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް މި ފުރުޞަތު ހުޅުވާލާފައެވެ.

Ad
rt

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނީ، މާރުކޭޓުގައި ތަކެތި ވިއްކުމަށް އެދި ހުރިހާ ރަށެއްގެ ކައުންސިލްތަކަށް މިހާރު އަންގާފައިވާނެ ކަމަށެވެ. އެހެންކަމުން، މާރުކޭޓުގައި ތަކެތި ވިއްކަން ޝައުގުވެރިވާ ފަރާތްތަކުން އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ދަނޑުވެރިކަމާބެހޭ ވުޒާރާއަށް އެކަން އެންގުމަށް ވަނީ އެދިފައެވެ.

ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް މާލޭ ސަރަޙައްދުގައި ވިއްކޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން "ދަނޑުވެރިންގެ ބާޒާރު" ޤާއިމްކޮށްފައިވަނީ މި އަހަރުގެ ތެރޭގައެވެ. މި މާރުކޭޓު ޤާއިމުކޮށްފައިވަނީ މާލޭ ހާބަރުގައި ކުރިން ކެފޭ ހިންގި ތަނުގައެވެ. މިއީ ރޯދަ މަހަށް ހައްދާ ކާނާގެ ބާވަތްތައް ވިއްކުމަށްޓަކައި މާލެ އަންނަ ދަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެކެވެ.

މިއަހަރުގެ ރަމަޟާން މަހުވެސް ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ މަޝްހޫރު ރަށްރަށުން ވަނީ މި މާރުކޭޓުގައި ތަކެތި ވިއްކާފައެވެ. އަންނަ އަހަރުގެ ރަމަޟާން މަހަށް އަލުން ފުރުސަތު ހުޅުވާލީ މިއަހަރުގެ މާރުކޭޓަށް ލިބުނު ތަރުޙީބަށް ބެލުމަށްފަހުގައެވެ. ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނީ، ނަން ހުށަހަޅާ ރަށްރަށަށް ބަލައި އަންނަ އަހަރުގެ ރަމަޟާން މަހަށް މާރުކޭޓު ޤާއިމްކުރާނެ ތަނެއް ކަނޑައަޅާނެ ކަމަށެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވަގުތީ މާރުކޭޓު ހިންގުމުގެ އުސޫލުގައިވާ ގޮތުން، މި މާރުކޭޓުގައި ވިއްކޭނީ ހަމައެކަނި ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީގެ ބާވަތްތަކެވެ. އެ ނޫން އިތުރު ތަކެތި ވިއްކުމަކީ މަނާ ކަމެކެވެ. އަދި މި މާރުކޭޓުގައި ބިދޭސީންނަށް ހަރަކާތްތެރި ނުވެވޭނެކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މިއަހަރުގެ ރޯދަމަހު މޯލްޑިވްސް ފުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް (އެމްގެޕް) ސެޓިފައިޑް ވެފައިވާ 10 ދަނޑެއްގެ އުފެއްދުންތައް ވަނީ މި މާރުކޭޓުގައި ވިއްކާފައެވެ. ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ، އަތޮޅުތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގިނަ އަދަދަކަށް މާލެ ގެނެސް ވިއްކަމުން އަންނަ ދުވަސްވަރެކެވެ.