މާލީ މުޢާމަލާތްތައް ކުރުމުގައި ޢަދުލުވެރިކަމާ އެކު ދެމިހުރުމަކީ އީމާންކަމުގެ މަތިވެރި ޢަލާމާތެއް ކަމަށާއި، ގަނެވިއްކުމުގައި ތެދުވެރިވެ، މުޢާމަލާތްތަކުގައި އަމާނާތްތެރިވެ، އަދި ދަރަނި އަދާކުރުމުގައި ފަރުވާތެރިވާން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ.
"މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށް ޚާއްޞަކޮށްގެން ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ބަޔާންކޮށްފައިވަނީ، މުދަލުން ހޭދަކުރުމުގައި އިޤްތިޞާދު ކުރުމަކީ އިސްލާމްދީން ދައްކައިދީފައިވާ މަގު ކަމަށެވެ. އެގޮތުން މުދަލުން ހޭދަކުރުމުގައި އިސްރާފުނުކުރުމާއި ދަހިވެތިނުވެ މެދުމިންކަން ޚިޔާރުކުރުމަކީ މުދަލުގައި ބަރަކާތްލައްވާނެ ކަމެއް ކަމަށާއި، އަދި ދިމާވެދާނެ ކުއްލި ކަންކަމާއި އަތްމަތި ދަތިވާ ޙާލަތްތަކަށްޓަކައި ފަހަށް ރައްކާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
ދަރަނި ނެގުމާއި ރިބާގެ ނުރައްކާ
ބޭނުމެއް ނެތި ނުވަތަ އަދާކުރެވޭނޭ ގޮތެއް ނެތި ދަރަނި ނެގުމުގައި ޙައްދުފަހަނަޅައި ދިޔުމުގެ މައްސަލައާ މެދު ސަމާލުވުމަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ. ދަރަންޏަކީ ދަރަނިވެރިޔާގެ ބޮލުގައި އެޅިފައިވާ އަމާނާތަކަށް ވާއިރު، އެ ދަރަނި އަދާނުކޮށްފިނަމަ ނަފުސަށް ލިބެންވާ ނިޢުމަތްތައް ހިފެހެއްޓިގެންވާކަން ޙަދީޘްފުޅުތަކުން އެނގޭ ކަމަށް ވިދާޅުވިއެވެ. އަދި ދަރަންޏެއް ނަގަން ޖެހިއްޖެ ޙާލަތެއްގައި ވެސް، ލަޢުނަތް ލައްވާފައިވާ ރިބާގެ މުޢާމަލާތްތަކާ މުޅިން ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމުގައި ބަޔާންކުރެއްވިއެވެ.
މީގެއިތުރުން، ދަރަންޏާއި ގަނެވިއްކުމާއި، ކުއްޔަށްދިނުމާއި އަދި އެއްމެދު އެއްބަސްވުންތަކަށް ވެސް އިޙުތިރާމުކޮށް، އެ އެއްބަސްވުންތައް ފުރިހަމައަށް ފުއްދުމަކީ މުއުމިނުންގެ މަތިވެރި ސިފައެއް ކަމަށް ޚުޠުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ.
ޢާއިލާއަށް ޚަރަދުކުރުމާއި މުޖުތަމަޢު ބިނާކުރުން
ތިމާ ބަލަހައްޓަން ޖެހޭ އަނބިދަރީންނަށް އެކަށީގެންވާ މިންވަރަށް ޚަރަދުބަރަދު ދިނުމަކީ ވާޖިބު ޙައްޤެއް ކަމަށާއި، އެ ޚަރަދުތައް ނުދީ ހިފެހެއްޓުމަކީ ފާފައެއް ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އަދި ޘަވާބާއި ދަރުމައަށް އެދި ޢާއިލާއަށް ޚަރަދުކުރުމަކީ އަޅުކަމެއް ކަމަށާއި، މާލީ ކަންކަމުގައި ޢަދުލުވެރިވެ، އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކު މުޢާމަލާތްތައް ކުރުމަކީ މުޖުތަމަޢު ހަރުދަނާވެގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
ޙަރަމްފުޅުތަކަށް ދޭ ޙަމަލާތައް ކުށްވެރިކުރުން
މިއަދުގެ ޚުޠުބާގައި، މާތް ﷲ އާއި އެކަލާނގެ ރަސޫލާ ޙުރުމަތްތެރި ކުރައްވާފައިވާ މައްކާއާއި މަދީނާގެ ޙުރުމަތް ކަނޑައި، ޙޫޘީން ދެމުންދާ އަނިޔާވެރި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާއި އިންޛާރުތައް ވަނީ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެ ދެ ރަށަކީ ޤިޔާމަތާ ހަމައަށް ޙުރުމަތްތެރިވެގެންވާ މުޤައްދަސް ދެ ރަށް ކަމަށާއި، އެއިން ތަނަކަށް ޙަމަލާއެއް ދިނުމަކީ މުސްލިމުންގެ ހިތްތައް ހިތާމައިން ކުދިކުދިވެދާވަރުގެ ކަމެއް ކަމުގައި ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!