އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ކަނޑުގެ ދަތުރުފަތުރު ކުރުން މަނާ ނުވަތަ ހާއްސަ ހުއްދައެއްގެ ދަށުން ކުރިއަށްގެންދަންޖެހޭ ސަރަހައްދު، ހޮރްމުޒް ކަނޑުއޮޅިން ބޭރަށް ޖައްސައި ގަލްފް އޮފް އޮމާނާއި އަރަބި ކަނޑުގެ ބައެއް ސަރަހައްދުތަކަށް ފުޅާކޮށްފިއެވެ.
މިއީ އެ ސަރަހައްދުގެ ކަނޑުގެ ރައްކާތެރިކަން ބެލެހެއްޓުމުގެ ނަމުގައި އީރާނުން އެޅި ފިޔަވަޅެކެވެ.
އަލަށް ކަނޑައެޅުނު މި ސަރަހައްދު ފެށިގެން އަންނަނީ އިރުދެކުނު އީރާނުގެ ޗަބަހާރު އައްސޭރިފަށުންނެވެ. އީރާނުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ސަރަހައްދުގެ ތަފްސީލީ ކޯޑިނޭޓްތައް ވަރަށް އަވަހަށް އާންމުކުރާނެއެވެ.
މި ނިންމުމާ ގުޅިގެން އައިއާރުޖީސީގެ ތަރުޖަމާނު ހުސައިން މުހިއްބީ ވަނީ އީރާނުގެ ކަމާބެހޭ ފަރާތްތަކާ ކުރިން ވިލަރެސްކުރުމެއް ނެތި މި ސަރަހައްދުން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދެއްވާފައެވެ. މީގެ ތެރޭގައި ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދުން ދަތުރުކުރުން މަނާކުރުމާއި، އެފަދަ އުޅަނދުފަހަރަށް ދޭ ސަޕޯޓް ހިދުމަތްތައް ހުއްޓުވުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ނިންމުމަކީ އީރާނުގެ ވިޔަފާރި ތެޔޮ ޓޭންކަރުތަކަށް އެމެރިކާއިން ދިން ކަމަށް ބުނާ ހަމަލާތަކާއި، އޭގެ ރައްދުގައި ސަރަހައްދީ އުޅަނދުފަހަރަށާއި އަސްކަރީ މަރުކަޒުތަކަށް އީރާނުން ދިން ހަމަލާތަކަށްފަހު އައި ބަދަލެކެވެ. މިއާއެކު ސަރަހައްދީ ކަނޑުގެ މަސްރަހަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އޮފިޝަލުން މި ފިޔަވަޅު ސިފަކުރައްވާފައިވަނީ، ހަކަތައިގެ މުހިންމު މަގުތައް ކޮންޓްރޯލް ކުރުމަށްޓަކައި ހޮރްމުޒް ކަނޑުއޮޅިން ބޭރުގައި އީރާނުގެ ބާރު ފުޅާކުރުމަށް އެޅި ސްޓްރެޓެޖިކް ފިޔަވަޅެއްގެ ގޮތުގައެވެ.
މި ނިންމުމާ ގުޅިގެން ޔޫކޭއެމްޓީއޯ ފަދަ ކަނޑުގެ ސަލާމަތީ ޖަމާއަތްތަކުން ވަނީ ގަލްފުގެ ސަރަހައްދުގައި ވިޔަފާރި އުޅަނދުފަހަރަށް އޮތް ނުރައްކާ އިތުރުވެފައިވާކަން ފާހަގަކޮށްފައެވެ. އަދި މީގެ ސަބަބުން ކަނޑު ދަތުރުފަތުރުގެ އިންޝުއަރެންސް އަގުތައް އިންތިހާއަށް އުފުލި، ދުނިޔޭގެ ތެލާއި ގޭސް ދަތުރުކުރާ މަގުތައް ބަދަލުކުރަން ޖެހިފައިވާކަންވެސް އެ އިދާރާތަކުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!