ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ދަށްވެ، މަހުގެ ޑިމާންޑު އިތުރުވެފައިވާ މިދަނޑިވަޅުގައި، ސަރުކާރުގެ މަސް ކުންފުނި (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު ކިލޯއެއް 21.00 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މިއަދުން ފެށިގެން އެ ކުންފުނީގެ ފެސިލިޓީތަކުންނާއި މަސްކިރާ ބޯޓުފަހަރުން މަސް ގަންނަމުންދާނީ މި އައު ރޭޓުގައި ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

Ad
rt

މި އަހަރުގެ ޖޫން 14 ވަނަ ދުވަހުން ފެށިގެން މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަމުން އައީ 20.00 ރުފިޔާގެ ރޭޓުގައެވެ. މިއަދު އެ ކުންފުނިން ގެނެސްފައިވާ ބަދަލާއެކު މަސް ކިލޯއެއްގެ އަގުން މިވަނީ 1.00 ރުފިޔާ ބޮޑުކޮށްފައެވެ.

މިފްކޯއިން މަސް ގަންނަ އަގަށް ގެނައި މި ބަދަލާއެކު، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭއެފްސީ ޖެޓީ)، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ ޖެޓީ)، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ ޖެޓީ/ބަނދަރު)، މާލޭ ބަނދަރު، ރ. މަޑުއްވަރި ބަނދަރު، ގދ. ތިނަދޫ އަދި ލ. މާމެންދޫގެ އިތުރުން ރަންދި-20، ރަންދި-23، ރަންދި-25، ރަންދި-29 އަދި ކޭއޭއެލް 401 ބޯޓުން މިއަދު މަސް ގަންނަމުންދާނީ ކަޅުބިލަމަސް ކިލޯއެއް 21.00 ރުފިޔާގެ ރޭޓުންނެވެ.

މަސް ގަންނަ އަގަށް ގެނައި ބަދަލާ ގުޅޭގޮތުން މިފްކޯއާއި ހަވަލާދީ ދައުލަތުގެ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި، މަސް ގަންނަ އަގު މައިގަނޑުގޮތެއްގައި ބިނާވަނީ ޑިމާންޑާއި ސަޕްލައިއަށް ކަމަށެވެ. އަދި އަގުތަކަށް ބަދަލު ގެންނަނީ ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކާއި ކުންފުނީގެ އޮޕަރޭޝަނަލް ހާލަތަށް ރިއާޔަތްކޮށްގެން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިންގެ އަތުން މަސް ގަންނަ އަގު އެންމެ މަތިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިންވެސް މިފްކޯއިން ވަނީ ބުނެފައެވެ.