ކުޑަކުދިންގެ އޮންލައިން ޕްރައިވެސީ ރައްކާތެރިކުރުމުގެ ޤާނޫނުތަކާ (ކޮޕާ) ޚިލާފުވި ކަމަށް ބުނެ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން ކުރި ދަޢުވާތައް ހައްލުކުރުމަށްޓަކައި، ކުރު ވީޑިއޯ ހިއްސާކުރާ މަޤްބޫލު އެޕްލިކޭޝަން ޓިކްޓޮކާއި އޭގެ މައި ކުންފުނި ބައިޓްޑާންސް އިން 400 މިލިއަން ޑޮލަރު ދެއްކުމަށް އެއްބަސްވެއްޖެއެވެ.

މި އެއްބަސްވުމުގެ ދަށުން ޓިކްޓޮކުން ވަގުތުން 300 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ. އަދި ބާކީ 100 މިލިއަން ޑޮލަރު ދައްކާނީ، ޓިކްޓޮކްގެ ކުރިން ހިންގި މިއުޒިކަލީއާ ގުޅުންހުރި ކުރީގެ ކޮންސެންޓް ޑިކްރީ ބާތިލުކުރުމުގެ އަމުރެއް ނެރުމާ ގުޅިގެންނެވެ.

Ad
rt

މީގެއިތުރުން، މި މައްސަލަ ހައްލުކުރުމުގައި ޓިކްޓޮކުން ކުށަށް އިއުތިރާފުވާކަށް ނުޖެހެއެވެ. ޑީއޯޖޭ އިން ފާހަގަކުރި ގޮތުގައި މިއީ ކޮޕާ ޤާނޫނު ތަންފީޒުކުރުމުގެ ތާރީޚުގައި ވެސް ނެގުނު އެންމެ ބޮޑެތި ޖޫރިމަނާތަކުގެ ތެރެއިން އެކެކެވެ.

މި މައްސަލައަކީ ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިން ހުށަހެޅި މައްސަލައަކާ ގުޅިގެން 2024 ވަނަ އަހަރު ޑީއޯޖޭ އިން ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެ ދަޢުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، 13 އަހަރުން ދަށުގެ ކުދިންގެ މަޢުލޫމާތު އެއްކުރުމުގައި ބެލެނިވެރިންގެ ހުއްދަ ހޯދުމަށް ޓިކްޓޮކުން އިހުމާލުވެފައިވެއެވެ. އަދި ބެލެނިވެރިން އެކުދިންގެ އެކައުންޓްތައް ޑިލީޓްކުރުމަށް އުނދަގޫތަކެއް ކުރިމަތިކުރުވުމުގެ އިތުރުން، ކުޑަކުދިންނަށް އަމާޒުކޮށްގެން އިޝްތިހާރުތަކާއި ކޮންޓެންޓް ދައްކަމުން ގޮސްފައިވެއެވެ.

މި ދަޢުވާ ހުށަހެޅުނު ފަހުން، ޤަވާއިދުތަކަށް ބޯލެބުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އުމުރު ޔަޤީންކުރާ ކޮންޓްރޯލްތަކާއި ބެލެނިވެރިންގެ ކޮންޓްރޯލްތައް ޓިކްޓޮކުން ވަރުގަދަކޮށްފައިވާ ކަމަށް ޑީއޯޖޭ އިން ވަނީ ބުނެފައެވެ.