ށ. ކަނޑިތީމު ކައުންސިލްގެ ކުޅިވަރު ފެސްޓިވަލްގެ ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ޓީމުތަކުން ހޯދާ ކުރިއެރުންތަކަށް ބަލައި، ބޯނަސްގެ ގޮތުގައި ފައިސާގެ އިނާމް ދިނުމަށް ކަނޑައަޅާފައިވާނެކަމަށް އެ ކައުންސިލުން ހާމަކޮއްފިއެވެ.

Ad
rt

މި މުބާރާތުގައި ޓީމްތަކުން ހޯދާ ކުރިއެރުމުގެ މައްޗަށް ބޯނަސް ލިބޭނެ އުސޫލް ތަޢާރަފްކޮށް، އެ ކައުންސިލުން މިހާރު އާންމުކޮށްފައެވެ.

އެ ގޮތުން:

  • މުބާރާތް ފުރިހަމަ ކުރުމުގެ ބޯނަސް 2000 ރުފިޔާ
  • ސެމީފައިނަލް ބޯނަސް 3000 ރުފިޔާ
  • ފައިނަލްމެޗް ބޯނަސް 5000 ރުފިޔާ
  • ޗެމްޕިއަން ބޯނަސް 10،000 ރުފިޔާ
  • ފެއާޕްލޭ ބޯނަސް 1000 ރުފިޔާ

އޭގެއިތުރުން ޗެމްޕިއަންޓީމަށް ހުރިހާ ބޯނަސްތަކަކާއެކު 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕްޓީމަށް ދިނުމަށް ކަނޑައަޅާފައިވަނީ 10،000 ރުފިޔާއެވެ. އަދި ސެމީފައިނަލްއިން ކެޓި ޓީމަށް 5000 ރުފިޔާ ލިބޭނެކަމަށް ވެސް އެ ކައުންސިލުން ހާމަކުރެއެވެ. މީގެ އިތުރުން ގްރޫޕް ސްޓޭޖުން ވަކިވާ ޓީމުތަކަށް މުބާރާތް ފުރިހަމަ ކުރުމުގެ ބޯނަހާއެކު 2000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް ކައުންސިލުން ބުނެއެވެ.

ނަމަވެސް ފައިސާގެ އިނާމުތައް ދޫކުރެވޭނީ މުބާރާތް ހިންގާ ޤަވާޢިދާ އެއްގޮތަށް މެޗުތައް ކުޅެ، ފުރިހަމަކުރުމުންކަމަށާއި، އެއްވެސް މެޗަކަށް ހާޒިރު ނުވެއްޖެނަމަ އެ ޓީމަކަށް ލިބެން ޖެހޭ ފައިސާގެ އިނާމް ނުލިބޭނެކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ޓީމްތައް ރަަޖިސްޓްރީ ކުރުމުގެ ފުރަތަމަ ފިޔަވަހި ( ފޭސް 1 ) ހުޅުވާލެވޭނީ ހަމައެކަނި ރަށު ޓީމުތަކަށް އަމާޒުކޮށްގެން، 16 އޯގަސްޓް އިން ފެށިގެން 25 އޯގަސްޓްއަށް ކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ.

މުބާރާތް ރަސްމީކޮށް ކުރިއަށް ގެންދެވޭނީ ހަތަރު ޓީމު ހަމަވެގެން ކަމަށް ވުމާއެކު، މުބާރާތުގެ ފުރަތަމަ ފިޔަވަހި ނިމޭއިރު މުބާރާތް ބޭއްވުމަށް ބޭނުންވާ އެންމެ މަދު ޢަދަދު ކަމުގައިވާ ހަތަރު ޓީމު ހަމަ ނުވާނަމަ، މުބާރާތުގެ ދެވަނަ ފިޔަވަހި ހުޅުވާލެވޭނެކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

އެ އިޢުލާނުގެ މުއްދަތަކީ ފަސް ދުވަސް ކަމަށް ވާއިރު، މިއީ އައު އިޢުލާނަކަށް ވާތީ، ފުރަތަމަ ފިޔަވަހީގައި ރަޖިސްޓްރީ ކުރި ހުރިހާ ޓީމު ތަކަކުން ވެސް އަލުން ރަޖިސްޓްރީވާން ޖެހޭނެ ކަމަށް އެ ކައުންސިލުންވަނީ އެދިފައެވެ. އަދި ދެވަނަ ފިޔަވަހީގައި ރަށުން ބޭރުގެ ދެ ޓީމަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު އޮންނާނެކަމަށް ވެސް ކަނޑިތީމު ކައުންސިލުން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ކައުންސިލުން އާންމުކޮއްފައިވާ، އިޢުލާނުގައިވާ ގޫގުލްފޯމް ފުރައި، ރަޖިސްޓްރީވުމަށް އެ ކައުންސިލުން އެދެއެވެ.