ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުށަހެޅި އިސްލާހުތަކާ އެއްގޮތަށް އެ ރަށު އިސްލާމީ މަރުކަޒުގެ ޑިޒައިނަށް ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ލަހެއްނުވެ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ކުޅުދުއްފުށީގައި އިސްލާމީ މަރުކަޒެއް ގާއިމުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ޑިޒައިން ނިންމައި ކައުންސިލަށް ހުށަހެޅުމުން، ކައުންސިލުން ހުށަހެޅި ކޮމެންޓުތަކާ އެއްގޮތަށް މިހާރު ޑިޒައިނަށް ބަދަލުތައް ގެންނަމުންދާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

Ad
rt

ވަޒީރު ވިދާޅުވި ގޮތުގައި ރަށްރަށުގައި ގާއިމުކުރެވޭ މިސްކިތްތަކާއި، އިސްލާމީ މަރުކަޒުތަކާއި، ވަގުފު ބިނާތައް ކުރިއަށް ގެންދަނީ ކައުންސިލުތަކުގެ ފުރިހަމަ ލަފަޔާއި މަޝްވަރާގެ މަތިންނެވެ.

"ކައުންސިލުން އެއަށް ކުރެއްވި ކޮމެންޓުތައް އަޅުގަނޑުމެން އެ ޑިޒައިންގައި އެބަ ހިމަނަން. ކުޅަދާނަކަން ލިބިގެންވީ މިންވަރުން އެ ޑިޒައިނަށް އަޅުގަނޑުމެން ބަދަލު މި ގެންނަނީ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް،" ޝަހީމް ވިދާޅުވިއެވެ.

މަޝްރޫއުގެ ތަފްސީލު ދެއްވަމުން ވަޒީރު އިތުރަށް ވިދާޅުވީ، މި މަސައްކަތަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށާއި، މަސައްކަތް ކުރާ ކުންފުންޏަށް އެޑްވާންސް ފައިސާ ވެސް މިހާރު ދޫކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޑިޒައިނަށް ގެންނަ ބަދަލުތައް ނިމުމާއެކު އަމަލީ މަސައްކަތް ފެށުމަށް ލަހެއް ނުވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ކުޅުދުއްފުށީ އިސްލާމީ މަރުކަޒުގެ މަސައްކަތް އެއްކޮށް ނިންމައި، ރައްޔިތުންނަށް ބޭނުންކުރެވޭނެހެން އެތަން ހުޅުވުން ކަމަށް ވެސް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.