ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިން އަތުން ބަލިވި މެޗަށްފަހު އާޖެންޓީނާގެ ކުޅުންތެރިންނާއި އޮފިޝަލުން އަމަލުކުރި ގޮތުންނާއި، މުޅި މުބާރާތުގެ ތެރޭގައި ހިނގާފައިވާ ކަންކަމާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން އާޖެންޓީނާއާ ދެކޮޅަށް އަދަބު ދިނުމުގެ މަރުހަލާ ފަށައިފިއެވެ.
ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ޖުލައި މަހު ކުޅުނު ފައިނަލް މެޗު 1-0 އިން ސްޕެއިން މޮޅުވުމާއެކު، އާޖެންޓީނާގެ ގިނަ އަދަދެއްގެ ކުޅުންތެރިންނާއި ބެންޗުގައި ތިބި އޮފިޝަލުން ވަނީ ސްޕެއިންގެ ކުޅުންތެރިންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގާފައެވެ. މި މައްސަލަ ބެލުމަށް ފީފާއިން ވަނީ ހާއްސަ ޕްރޮސިކިއުޓަރެއް އައްޔަންކޮށްފައެވެ.
ޕްރޮސިކިއުޓަރުގެ ލަފާގެ މަތިން ފީފާއިން ތަހުގީގު ކުރަމުންދަނީ އާޖެންޓީނާގެ ނަހުއަލް މޮލީނާ އާއި ލިއަންޑްރޯ ޕަރޭޑޭސް އަދި އެސިސްޓަންޓް ކޯޗު ރޮބާޓޯ އަޔާލާ އެވެ. މީގެ ތެރެއިން މޮލީނާ އާއި ޕަރޭޑޭސްގެ މައްޗަށް ހަމަލާދިނުމުގެ ތުހުމަތު ކުރެވޭއިރު، މޮލީނާގެ މައްޗަށް ކުޅިވަރުގެ ރޫހާ ހިލާފު އަމަލެއް ހިންގުމުގެ ތުހުމަތު ވެސް ވަނީ ކުރެވިފައެވެ. މީގެ އިތުރުން ތިއާގޯ އަލްމާޑާ އާއި ސްޕެއިންގެ މިޑްފީލްޑަރު ގަވީގެ މައްޗަށް ވެސް ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކެއްގެ ތުހުމަތު ކުރެވެއެވެ.
ފީފާގެ ޑިސިޕްލިނަރީ ކޯޑުގައިވާ ގޮތުން، ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކަށް މަދުވެގެން އެއް މެޗުގެ ސަސްޕެންޝަނެއް އަންނާނެއެވެ. އަދި ހަމަލާދިނުމުގެ އަމަލުތަކަށް މަދުވެގެން ތިން މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވާނެއެވެ.
އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނާ ދެކޮޅަށް ވެސް ގިނަ މައްސަލަތަކެއް ވަނީ ހުށަހެޅިފައެވެ. އޭގެ ތެރޭގައި ކުޅިވަރުގެ މައިދާން ސިޔާސީ ކަންކަމަށް ބޭނުންކުރުމާއި، ޓީމުގެ ނުރަނގަޅު އަހުލާގާއި، ނަސްލީ ތަފާތުކުރުމާއި، އަދި މެޗުތަކުގެ ސަލާމަތީ ކަންކަމާ ހިލާފުވުން ހިމެނެއެވެ. މީގެ ތެރޭގައި ސަޕޯޓަރުން އެއްޗެހި އުކުމާއި، ތަފާތުކުރުން އެކުލެވޭ ލަވަތައް ކިޔުން ފަދަ ކަންކަން ހިމެނެއެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގައި އިންގްލެންޑް ބަލިކުރުމަށްފަހު، އާޖެންޓީނާގެ ކުޅުންތެރިން ވަނީ ފޯކްލޭންޑް އައިލެންޑްސްއަކީ އާޖެންޓީނާގެ ތަނެއް ކަމަށް ބުނެ "Las Malvinas son Argentinas" ޖަހާފައިވާ ބެނާއެއް ދައްކާފައެވެ. މިއީ ވެސް ފީފާއިން ބަލަމުންދާ މައްސަލައެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!