ސިނގިރޭޓާއި، ބިޑި އަދި ހީޓަޑް ޓޮބޭކޯ އުފެއްދުންތަކުން ނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ހުށަހެއްޅުއްވި މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ.
މި އިސްލާހްގެ ދަށުން، ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާ އަށް ބަދަލުކޮށް، އޭގެ އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތަ އަށް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.
ދުންފަތާ ދުރުވުމަށް އެހީތެރިވާ ތަކެތީގެ ޑިއުޓީ މައާފުކުރުން
މި އިސްލާހުގައިވާ އެންމެ މުހިންމު އެއް ބަދަލަކީ ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށްޓަކައި އާންމުން ބޭނުންކުރާ ސިއްހީ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ މުޅިން މައާފުކުރުމެވެ. މިއީ މިފަދަ ތަކެތި ބާޒާރުން ފަސޭހައިން ލިބޭނެ ގޮތް ހަދައި، ސިއްހީ ގޮތުން ފައިދާހުރި އުފެއްދުންތަކަށް އާންމުން ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުމަށް ގެނައި ބަދަލެކެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފާގެ މަތިން ގެނެވޭ ބަދަލުތަކެކެވެ. ދުންފަތުގެ ވަބާއިން ރައްޔިތުން ސަލާމަތްކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ވޭޕް މަނާކުރުމާއި، 'ޖެނެރޭޝަނަލް ބޭން' ތައާރަފްކުރުމުގެ އިތުރުން ދުންފަތް ކޮންޓްރޯލް ކުރުމުގެ ގައުމީ ކެމްޕޭނެއް ވެސް ވަނީ ފަށާފައެވެ.
މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއެކު އަމަލުކުރަން ފަށާނެއެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ކަމާބެހޭ ގަވާއިދުތައް އިސްލާހުކޮށް އާންމުކުރަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!