ވަޓްސްއެޕް ބޭނުންކުރާ މީހުންގެ އަމިއްލަ ފޯނު ނަންބަރު ހާމަނުކޮށް، ޔޫޒާނޭމް ބޭނުންކޮށްގެން މުއާމަލާތް ކުރެވޭނެ އާ ފީޗާއެއް ތައާރަފްކުރަން އެ ކުންފުނިން ނިންމައިފިއެވެ. ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ތިން ބިލިއަން ޔޫޒަރުންނަށް މި ފީޗާ ލިބޭނެ ކަމަށް ވަޓްސްއެޕުން ބުނެއެވެ.
މި އާ ބަދަލާއެކު، މި ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ޔޫޒަރުންނަށް ބޭނުންވާ ނަމެއް ރިޒާވް ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. ނަމަވެސް ޔޫޒާނޭމެއް ހެދުމަކީ މަޖުބޫރު ކަމެއް ނޫނެވެ. ކޮންމެ ވަގުތެއްގައި ވެސް ޔޫޒާނޭމް ބަދަލުކުރުމުގެ ނުވަތަ އުނިކުރުމުގެ އިހުތިޔާރު ޔޫޒަރުންނަށް ލިބިގެންވާނެ ކަމަށް މެޓާގެ ދަށުން ހިންގާ މި ކުންފުނިން ބުނެއެވެ.
މި ފީޗާ ފުރިހަމައަށް ތައާރަފްވުމުން، އެކަކު އަނެކަކަށް ޔޫޒާނޭމް ހިއްސާކޮށްގެން ގުޅުން ބަދަހިކުރެވޭނެއެވެ. ޔޫޒާނޭމްތައް ލިމިޓް ކުރެވިފައިވަނީ 35 ކެރެކްޓާއަށެވެ. އަދި މަޝްހޫރު ފަރާތްތަކާއި ސިޔާސީ ވެރިންގެ ނަންތައް އެހެން މީހުންނަށް ބޭނުން ނުކުރެވޭ ގޮތަށް ވަނީ ރައްކާތެރިކޮށްފައެވެ. ވަޓްސްއެޕްގެ ހެޑް އޮފް ޕްރޮޑަކްޓް އެލިސް ނިއުޓަން-ރެކްސް ވިދާޅުވީ، "ގްރޫޕް ޗެޓްތަކުގައި ނުދަންނަ މީހުންނާ ފޯނު ނަންބަރު ހިއްސާކުރަން ބޭނުންނުވާ ކަމުގެ ޝަކުވާ ޔޫޒަރުންގެ ފަރާތުން ލިބެމުންދާ" ކަމަށާއި، މި ބަދަލުގެ ސަބަބުން ޔޫޒަރުންނަށް އިތުރު ކޮންޓްރޯލެއް ލިބިގެންދާނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ކަރީސާ ވެލިޒް ވިދާޅުވީ، މިއީ ރަނގަޅު ފީޗާއެއް ނަމަވެސް، މެޓާ އަކީ ޕްރައިވެސީގެ ރެކޯޑް ގޯސް ކުންފުންޏެއްކަން ހަނދާން ބަހައްޓަން ޖެހޭ ކަމަށެވެ. ވަޓްސްއެޕްގެ މެސެޖުތަކަކީ އެންޑް-ޓު-އެންޑް އެންކްރިޕްޓް ކުރެވިފައިވާ އެއްޗަކަށް ވިޔަސް، މާކެޓިން ބޭނުންތަކަށް ޔޫޒަރުންގެ މެޓަޑޭޓާ (މެސެޖު ކުރަނީ ކާކަށްތޯ އާއި ކޮން ވަގުތަކުތޯ) އެ ކުންފުނިން ބޭނުންކުރެއެވެ.
ޔޫޒާނޭމް ތައާރަފް ކުރި ނަމަވެސް، ވަޓްސްއެޕް އެކައުންޓެއް ހުޅުވުމަށް އަދިވެސް ފޯނު ނަންބަރެއް ބޭނުންވާނެއެވެ. އަދި ޔޫޒާނޭމްތައް ހޯދޭނެ އާންމު ޑައިރެކްޓަރީއެއް ނޯންނާނެއެވެ. މީގެ އިތުރުން، ވަޓްސްއެޕްގެ ލީޑަޝިޕަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ހަތް އަހަރަށްފަހު ވިލް ކެތުކާޓް މަގާމުން ވަކިވެވަޑައިގަންނަވާއިރު، އާ ހެޑްގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންޑިއާގެ ފިންޓެކް ސްޓާޓްއަޕް އެއްގެ ބާނީ ކުނާލް ޝާހް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!