ރާއްޖޭގެ ރަށްރަށުގައި ކެމިކަލް ގުދަންކުރުމުގެ ހުއްދަ ދިނުމުގައި، މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރު، ރައްކާތެރި ހިސާބުތަކަށް އިސްކަންދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
މި ނިންމެވުން ނިންމާފައިވަނީ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ސަރުކާރުން މިގޮތަށް ނިންމެވީ ކެމިކަލް ގުދަންކޮށްފައި ހުންނަ ތަންތަނުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ރިއާޔަތްކުރެއްވުމަށްފަހުގައެވެ. މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގައި ވެސް ކެމިކަލް ރައްކާކުރާނެ ތަންތަން ތަރައްޤީކުރުމުގެ ހުއްދަ ދެވޭނީ، އާންމުން ދިރިއުޅޭ ސަރަހައްދުތަކާ އެކަށީގެންވާ ދުރުމިނެއްގައި ހުންނަ ރައްކާތެރި ތަންތަނުގައި ކަމަށް ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑައަޅުއްވާފައެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެެއްތާއި ހަކަތައާ ބޭހޭ ވުޒާރާއިން މިދިޔަ އޭޕްރިލްމަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވާ ގޮތުގައި، ނުރައްކާތެރި ކެމިކަލް ރައްކާކުރުމަށް ހަދާ ގުދަންތަކުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމާލެވޭނެއެވެ. އެ ވުޒާރާއިން ފާހަގަކުރި ގޮތުގައި ކެމިކަލް ކުންޏަކީ ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާ އެއްޗަކަށް ވުމާއެކު، އެ ތަކެތި މެނޭޖްކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
މިގޮތުން، އައްޑޫ ސިޓީގައި މިހާރު ވަނީ ކެމިކަލް ރައްކާކުރާނެ ގުދަނެއް ގާއިމުކޮށްފައެވެ. މި ތަނަކީ ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ކެމިކަލްތައް ރައްކާކުރުމަށް ހަދާފައިވާ ފެސިލިޓީއެކެވެ. މީގެ އިތުރުން، ރ. ވަންދޫގައި ވެސް ކެމިކަލް މެނޭޖްކުރާނެ ފެސިލިޓީއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ ފެސިލިޓީގެ 30 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މި އަހަރުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލުމަކީ އަމާޒުކަމަށް އެ ވުޒާރާއިން އެދުވަހު ބުންޏެވެ.
ރާއްޖޭގައި ކެމިކަލް ރައްކާކުރުމުގެ އުސޫލުތައް ހަރުދަނާކުރަން ފެށީ 2019 ވަނަ އަހަރު މާލޭގެ ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށް ފަހުގައެވެ. އެ ހާދިސާގައި މީހަކު މަރުވެ، ގިނަ ބައެއްގެ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، މާލޭގައި ހުރި ކެމިކަލް ގުދަންތައް މިހާރު ވަނީ ތިލަފުއްޓަށް ބަދަލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!