އަންނަ 2027 ވަނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި، "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ (އާރުޓީއެލް) ވިއުގަ ގާއިމުކޮށް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. ރަ
އީސް އޮފީހުން ހާމަކުރި ގޮތުގައި، އާދީއްތަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މި ނިންމުން ނިންމާފައިވަނީ މުޅި ރާއްޖެ އެއް ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުންނެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ އާރުޓީއެލް ނިޒާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުން އަންނަ ޒަމާނީ، އަދި އިތުބާރުހުރި ދަތުރުފަތުރުގެ ނިޒާމެކެވެ. މި ޚިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައިވަނީ ފެރީގެ ޚިދުމަތާއި ބަހުގެ ޚިދުމަތުގެ މައްޗަށެވެ. މީގެ ތެރެއިން ފެރީގެ ޚިދުމަތް ފޯރުކޮށްދެނީ ޒަމާނީ ފެންވަރުގެ ހައި-ސްޕީޑް ފެރީތައް ބޭނުންކޮށްގެން އަތޮޅުތަކުގެ ރަށްތައް ޒޯންތަކަކަށް ބަހާލައިގެންނެވެ.
މި ނިޒާމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އަތޮޅު ވެރިކަންކުރާ ރަށަށާއި، ޞިއްޙީ އަދި ތަޢުލީމީ ބޭނުންތަކަށް އެހެން ރަށްރަށަށް ދަތުރުކުރުމުގެ މަގު ވަނީ ތަނަވަސްވެފައެވެ. އަދި ޓިކެޓް ނެގުމުގެ ކަންކަން ވެސް ޒަމާނީ ކުރެވި، އާރުޓީއެލް ވެބްސައިޓް ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު އޮންލައިންކޮށް ޓިކެޓް ބުކްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ފެރީގެ އިތުރުން، މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި ބައެއް ބޮޑެތި ރަށްރަށުގައި އެމްޓީސީސީން އަންނަނީ އާރުޓީއެލް ބަހުގެ ޚިދުމަތް ދެމުންނެވެ. ގަޑިއަށް ރަނގަޅަށް ދަތުރުތައް ބައްޓަންކޮށްފައިވާ މި ނިޒާމުގައި، ކާޑު ނުވަތަ އެޕް މެދުވެރިކޮށް ފަސޭހައިން ދަތުރުކުރެވެއެވެ. މި ޚިދުމަތްތަކުގެ ސަބަބުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، ރައްޔިތުންނަށް ވަނީ ވަރަށް ބޮޑު ފަސޭހަތަކެއް ލިބިފައެވެ.
އާރުޓީއެލްގެ ޚިދުމަތް އެންމެ ފުރަތަމަ ފަށާފައި ވަނީ 11 ޖޫން 2022 ގައި ހދ. އަތޮޅުގައެވެ. މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 188 ރަށުގައި ފެރީ ޓަރމިނަލްތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!