ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފްގައި ނޯތު ރީޖަނަލްގެ ޗެމްޕިއަން ހއ. ދިއްދޫ އިން ސެންޓްރަލް ލީގު ޗެމްޕިއަން ކ. ހުރާ ބަލިކޮށް ތާވަލްގެ ކުރިއަށް މިއަދު ޖެހިލައިފިއެވެ.
ދިއްދޫ އިން ވަނީ 8 ޖޫންގައި ކުޅުނު ޕްލޭއޮފްގެ ފުރަތަމަ މެޗުގައި ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ 1-0 ލަނޑުން ބަލިކޮށްފައެވެ.
މިއަދުގެ މެޗުގައި ދިއްދޫ އިން ސެންޓްރަލް ލީގު ޗެމްޕިއަން ހުރާ ބަލިކުރީ 3-1 ލަނޑުންނެވެ.
މެޗުގައި މޮޅު ކުޅުމެއްދެއްކި ދިއްދޫގެ ބެނާޑް ކުޅެނީ، ފޮޓޯ: އެފްއޭއެމް
ބާރަ ވަނަ ކުޅުންތެރިޔާ، ދިއްދޫ ސަޕޯޓަރުންގެ ނަމޫނާ ސަޕޯޓެއް ފެނުނު މި މެޗުގައި ދިއްދޫގެ ތިން ލަނޑުވެސް ފެނިގެން ދިޔައީ ބިދޭސީ ކުޅުންތެރިޔާ ޖޯޒީ ނަންބަރު 9 ބެނާޑްގެ ފަރާތުންނެވެ. ބެނާޑްގެ ފުރަތަމަ ގޯލަކީ ޕެނަލްޓީ އަކުން މެޗުގެ ތިން ވަނަ މިނިޓްގައި ކާމިޔާބުކޮށްދިން ލަނޑެކެވެ. ދެވަނަ ލަނޑުވެސް ބެނާޑްގެ ފަރާތުން ފެނިފައިވާއިރު، އޭނާ ހެޓްރިކް ހެދި ކަނޑު ފެނިގެން ދިޔައީ މެޗުގެ ފަހު ކޮޅުއެވެ.
މެޗުގައި ހުރާއިން ޖެހި ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 27 ވަނަ މިޓްގައެވެ. އެއީ ހުރާގެ ސާދު އަބްދުލްއަޒީޒް ކާމިޔާބުކޮށްދިން ލަނޑެކެވެ.
ދިއްދޫ ސަޕޯޓަރުން ޓީމަށް ސަޕޯޓް ކުރަނީ، ސަޕޯޓަރުން ދިނީ ނަމޫނާ ސަޕޯޓެއް، ފޮޓޯ: އެފްއޭއެމް
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެޗުގައި ހެޓްރިކް ހެދި ދިއްދޫގެ ބެނާޑް އެވެ.
މެޗަށްފަހު ވާހަކަދައްކަމުން ދިއްދޫގެ ކޯޗުމޫސާ އިބްރާހީމް (މުސްތަޓޭ) ވަނީ ދިއްދޫ ސަޕޯޓަރުންގެ ފަރާތުން ޓީމަށް ދިން ސަޕޯޓް ފާހަގަކޮށްފައެވެ. އަދި މި ނަތީޖާ އަކީ ސަޕޯޓަރުންނާއި މެނޭޖްމަންޓާއި ކުޅުންތެރިން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ. އަދި ދިއްދޫ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމަށް ކުރާ ދަތުރު ކާމިޔާބުވާނެކަމުގެ އުންމީދު އޭނާ ފާޅުކޮށްފަވެއެވެ.
ދިއްދޫ ސަޕޯޓަރުން ޓީމަށް ހިތްވަރުދެނީ، ފެނީ ނަމޫނާ ސަޕޯޓެއް، ފޮޓޯ: އެފްއޭއެމް
ދިއްދޫ މި މޮޅާއެކު ވަނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓާއެކު ކޮލިފިކޭޝަން ތާވަލުގެ ކުރިއަށް ޖެހިލާފައެވެ. ދެ ވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު މާލެ ރީޖަން ލީގުގެ ޗެމްޕިއަން، ބިސް ބުރު ސްޕޯޓްސް ކްލަބެވެ. ތިން ވަނާގައި ހަތަރު ޕޮއިންޓާއެކު މި ސީޒަންގެ ޕްރިމިއާ ލީގުގެ އަށް ވަނަ ޓީމު ޓީސީ ސްޕޯޓްސް ކްލަބް އޮތްއިރު، ހަތަރު ވަނާގައި އޮތީ ތިން ޕޮއިންޓާއެކު ސައުތު ލީގުގެ ޗެމްޕިއަން، ގދ. ގައްދޫ އެވެ.
ދެން ދިއްދޫގެ މެޗެއް އޮންނާނީ 20 ޖޫންގައެވެ. އެ މެޗުގައި ދިއްދޫ ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއެވެ. އަދި ޕްލޭ އޮފްގައި ދިއްދޫގެ ފަހު މެޗުގައި ނުކުންނާނީ 24 ޖޫންގައި ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!