ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
މިފްކޯއިން ބުނިގޮތުގައި މި ބަދަލު ގެނެސްފައިވަނީ މިދުވަސްވަރަކީ ރާއްޖޭގައި މަސްވެރިކަން ދަށް ދުވަސްވަރަކަށް ވާތީ، މަސްވެރި އާއިލާތަކަށް މާލީ ގޮތުން ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަގުސަދުގައެވެ.
މަސްވެރިންގެ އަތުން މަސް ގަންނަ އަގު ރަނގަޅުކުރުމަށް މިފްކޯއިން ކުރަމުންދާ މަސައްކަތުގެ ދަށުން، މި މަހުގެ 7 ވަނަ ދުވަހު ވަނީ ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި އެއަށްފަހު މިއަދުން ފެށިގެން އެ އަގު ވަނީ 20 ރުފިޔާއަށް މައްޗަށް ޖައްސާފައެވެ.
މިފްކޯއިން ބުނި ގޮތުގައި މަސް ގަންނަ އަގު ބިނާވަނީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިގެ މައްޗަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މަސް ގަންނަ އަގަށް ހެޔޮ ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މަސްވެރިންގެ އަތުން މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށް ނުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ އިތުރުން، މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމާއި، އަގު ހެޔޮކޮށް ތެޔޮ ލިބޭނެ މަގު މިހާރު ވަނީ ފަހިކޮށްދީފައެވެ.
މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމާއި، އަގު ހެޔޮކޮށް ތެޔޮ ލިބޭނެ ގޮތްތައް ހަމަޖައްސަމުންނެވެ. އަދި ރާއްޖޭގެ ދެ ސަރަހައްދެއްގައި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާ އެޅުމަށް ބޭނުންވާ ބިމާއި ބަނދަރުގެ މަސައްކަތްތައް ވެސް މިހާރު ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!